ހަބަރު

ބެެންގަލޫރުން އައި ދެ ދިވެއްސެއްގެ އަތުން ކިލޯއަކަށްވުރެ ގިނަ ޑްރަގު އަތުލައިފި

Feb 11, 2015
1

ބެެންގަލޫރުން މާލެއައި ދެ ދިވެއްސެއްގެ އަތުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ މެންދުރުފަހު އިންޑިއަން އެއާލައިންސުން މާލެއައި ދިވެހި އަންހެނަކާއި ދިވެހި ފިރިހެނެއްގެ ފޮށިތަންމަތި ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނި، އެތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށާއި ތަކެތި ފެނިފައިވަނީ އުމުރުން 21 އަހަރުގެ އަންހެންމީހާގެ ފޮށި ތަންމަތި ކަސްޓަމްސްއިން ބަލައިފާސްކުރި އިރު އޭނާގެ ދަބަހުގައި ހުރި ޑައެޓްރީ ފައިބަ ދަޅުތަކެއްގެ ތެރެއިން ކަމަށެވެ. މި ދަޅުތަކުގެ ތެރޭގައި ފޮރުވާފައިވާ ހަތަރު ޕެކެޓް ހެރޮއިންގެ ބަރުދަނުގައި ޕެކިންގއާއެކު 758 ގްރާމް ހުއްޓެވެ.

އަދި އޭނާއާއެކު އައި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެންމީހާގެ ފޮށީގައި ހުރި ޑައެޓްރީ ފައިބަ ސަޕްލިމެންޓް ދަޅުތަކެއްގެ ތެރެއިންވެސް ހަތަރު ޕެކެޓް ހެރޮއިން ވަނީ ފެނިފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު 768 ގްރާމް ހުއްޓެވެ.

މިދެމީހުންނާއި އެމީހުންގެ އަތުން ފެނުނު، ޖުމްލަ 1.526 ކިލޯގްރާމްގެ މަސްތުވާތަކެތި މިހާރުވަނީ މިމައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި  ފުލުހުންނާ ހަވާލުކޮށްފި އެވެ.