ޔޫރޯ 2016

އެލައިޑް ޔޫރޯ އެރީނާ ޖަގަހަ ސަލްސާ ރޯޔަލްގައި

Jun 10, 2016
  • ސަލްސާގައި މެޗު ބަލަން ބޮޑު ސްކްރީން
  • އިރުއޮއްސޭއިރު އޮންނަ މެޗު މިތަނުން ނުދައްކާނެ
  • ސަލްސާގައި ހާއްސަ ޔޫރޯ މެނޫ

އެލައިޑް އިންޝުއަރެންސުން މިރޭ ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތާ ދިމާކޮށް ޖަގަހައެއް ސަލްސާ ރޯޔަލްގައި ހުޅުވައިފި އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ މާލޭގެ އެންމެ ހިތްގައިމު އަދި ޖާގައިގެ ގޮތުން ތަނަވަސް އެއް ރެސްޓޯރަންޓް ކަމައްވާ ސަލްސާގައި ހުޅުވި "ޔޫރޯ އެރީނާ" ޖަގަހައިގައި 10 ފޫޓް 16 ފޫޓް ގެ 2 ސްކްރީން ވަނީ ހަރުކުރެވިފައިވާ ކަމަށާއި، މި ތަނުން ޔޫރޯގެ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

އެލައިޑް އިންޝުއަރަންސްގެ މެނޭޖަރ މާރކެޓިން ނިއުޝާދު ޝަރީފު ވިދާޅުވީ ޖަގަހައިގައި މެޗުތައް ދައްކާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ހިޓާޗީ ހައި ޑެފިނިޝަން ޕްރޮޖެކްޓަރުތަކާއިއެކު މެޗުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސާވިސް މީޑިޔާގެ ހައި ޑެފިނިޝަން ފީޑާއެކުގައި ކަމަށެވެ.

މި އަހަރުގެ ޔޫރޯ މެޗުތައް ދައްކަނީ އިރުއޮއްސި ހައެއް ޖަހާއިރު އެވެ.

ނިއުޝާދު ވިދާޅުވީ އިރުއޮއްސި 6 އެއް ޖަހާއިރު ދައްކާއިރު މި މެޗުތައް އެލައިޑް ޔޫރޯ އެރީނާގައި ނުދައްކާނެ ކަމަށެވެ.

"މީ ބަރަކާތްތެރި ރަމަޞާން މަހަށް ވެފައި، ނަމާދު ވަގުތު ތަކުގައި މެޗު ބަލާކަށް ޖަގަހައެއް ނުހުޅުވާނެ. މެޗުތައް ޖަގަހައިގައި ބެލޭނީ ރޭގަނޑު 9.00 ން ފެށިގެން" ނިއުޝާދު ވިދާޅުވި އެވެ.

ޖަގަހައާއި ބެހޭ ގޮތުން ސަލްސާ ރޯޔަލްގެ ވެރިޔާ އިބްރާހިމް އާމިރް ވިދާޅުވީ ރޭގަނޑު ނުވައެއް ޖަހާއިރު އެލައިޑް ޔޫރޯ އެރީނާ ހުޅުވޭއިރު ހާއްސަ ޔޫރޯ މެނޫގެ ހިދުމަތްވެސް ލިބޭނެ ކަމަށާއި، އަދި ދަންވަރު މެޗުތައް ބެލުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހާރުކެއުމުގެ އިންތިޒާމް ވެސް މި މެނޫ އިން ދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެލައިޑް ސޯޝަލް މީޑިއާ މެދުވެރިކޮށް އެލައިޑް ޔޫރޯ އެރީނާގެ "ވީއައިޕީ މޭޒު" އަދި ކެއުން ހޯއްދެވުމަށް ގަދަ މެޗުތަކާއި ދިމާކޮށް ހުޅުވާލާނެ ކަމަށް އެލައިޑުން ބުނެ އެވެ.