ރިޕޯޓް

އެންމެ ވާދަވެރި ވިޔަފާރިއަށް ސުޕަމާޓްތައް!

  • ހުރިހާ އެންމެން ވިއްކަނީ އެކައްޗެއް
  • އަގުގައި މާކަބޮޑު ފަރަގެއް ނެތް
  • ސުޕަމާޓުތަކުގައި ގިނައީ ދިވެހި މުވައްޒަފުން

"މި ތަނުގައި ވެސް ތެލި ތަށި، އެ ތަނުގައި ވެސް ހުރީ ހަމަ މި ތަށި. މިހާރަކު ނޭނގެ ގަންނަން ދާނެ ތަނެއް،" މާލޭގެ އެންމެ ބޮޑު އެއް ފިހާރާގައި ހުރެ ފިރިމީހާ ކައިރީގައި ޝަކުވާ ކުރަމުން ދިޔަ އައިމިނަތު އަލީ އަށް އޮޅުން އަރައިފި އެވެ.

ކަންވާނީ ވެސް މިހެންނެވެ. މާލޭގައި ބޮޑެތި ފިހާރަތައް "ސުޕަމާޓް" ގެ ގޮތުގައި ހުޅުވައި ވާދަވެރިކަން މި އޮތީ އަމަށަކުވަރެއްގައެއް ނޫނެވެ. ބޮޑެތި ސުޕަމާޓްތައް ގިނަ ވެއްޖެ އެވެ. ފިހާރަތައް ބުރިބުރިއަށް ނަގައިފި އެވެ. މުދާ ވެސް ތޮއްޖެހޭ ވަރަށް ފިހާރަތަކަށް ވައްދައިފި އެވެ. މިގޮތުން މާލޭގައި އެންމެ ނަން ހިނގާ ސުޕަމާޓްތަކުގެ ތެރޭގައި "އަގޯރާ" އާއި "ރެޑްވޭވް" އަދި "އެސްޓީއޯ ސުޕަމާޓް" އާއި "ސޯސަން ސްޓޯރު" އަދި "ޝޮޕް އެންޑް ސޭވް" ހިމެނެ އެވެ. އަދި މި ލިސްޓަށް "ފެންޓަސީ" ވެސް އަރަ އެވެ. މަޝްހޫރު ނަންތަކާއެކު ސުޕަމާޓްގެ ވިޔަފާރި މިއޮތީ އެންމެ ވާދަވެރި ވިޔަފާރީގެ ގޮތުގަ އެވެ.

މި ފިހާރަތަކުގެ ސައިޒަށް ބަލައިލިއަސް މި ވިޔަފާރީގެ ވާދަވެރިކަން އެނގެވެ. އިމްޕޯޓު މުދާ ވިއްކުމަށް ވާދަވެރި މާކެޓެއް އޮތް ރާއްޖޭގައި ހުރިހާ ފިހާރައެއްގައި ވެސް މުދާ ވިއްކަނީ ދާދި އެއް އަގެއްގަ އެވެ. ނަމަވެސް ވިޔަފާރިވުމުގައި ނަން މަޝްހޫރުކަން ވެފައިވަނީ އެންމެ މުހިންމު ސަބަބަށެވެ. މީގެ ހުރިހާ ފިހާރަތަކެއްގައި ވެސް މުދާ ވިއްކާ އަގުތަކަށް ބަލައިލި ނަމަވެސް އަގުތަކުގައި މާކަބޮޑު ފަރަގެއް ނެތެވެ.

ނަމަވެސް؛ ފިހާރަތައް ހިންގާ މީހުންގެ ބަހުރުވައިން ނަމަ، އެންމެ އަގު ހެޔޮ ފިހާރައަކީ ތިމަންނާ ހިންގާ ފިހާރަ އެވެ.

މާލޭގައި ތިން ފިހާރަ ހިންގާ ރެޑްވޭވް ފިހާރައިގެ މެނޭޖަރު އަލީ ޝަހީމް (އައްޔަ) ވިދާޅުވީ ރެޑްވޭވްގައި ވިއްކާ އެއްޗިހީގެ އަގުތައް ޖުމްލަ ގޮތެއްގައި ބަލާއިރު އެހެން ތަންތަނަށްވުރެ ހެޔޮވާނެ ކަމަށެވެ.

"އަގު ބޮޑު އެއްޗެއް ހުރެދާނެ. އެކަމަކު ވިއްކާ ހުރިހާ އެއްޗިއްސަށް ބަލާއިރު ޖުމްލަ ގޮތެއްގައި އަގުތައް ހެޔޮވާނެ،" ހުޅުމާލޭގައި ބޮޑު ފިހާރައެއް ހިންގާ ކުންފުނިން ވާހަކަ ދެއްކި، އަލީ ވިދާޅުވި އެވެ.

މާލޭގައި އެންމެ "އުސް ފިހާރަ" އެއް ނަގާނަމަ ހަމަ ގައިމު ވެސް ހޮވާލެވޭނީ "އަގޯރާ" އެވެ. ހަތަރު ފްލޯއަށް ވާގޮތަށް މަޖީދީމަގުގައި ހަދާފައިވާ މި ބޮޑު ސުޕަމާޓަކީ ވެސް ރާއްޖޭގައި އުފެދި، ފުޅާވަމުންދާ ސުޕަމާޓްގެ ވިޔަފާރީގެ ހެއްކެކެވެ. މީގެ އަނެއް ފިހާރައަކީ ތަނަވަސް ބޮޑު ޖާގައެއް އޮންނަ ސޯސަން މަގު އަގޯރާ އެވެ. ދެން އޮތީ ފެންޓަސީ އެވެ. ޔޫރަޕުގެ މޮޅު ތަފާތު ޕްރޮޑްކްޓްތައް ގަންނަ މީހުންގެ އަމާޒު ހިފާފައި ވަނީ ސުޕަމާޓަށެވެ.

ދެން މިއޮތީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސުޕަމާޓެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ފިހާރަ އެވެ. ކުރިން ހިންގަމުން އައި 3،000 އަކަފޫޓުގެ މުސްކުޅި ސުޕަމާޓް މިހާރު މި ވަނީ 8،000 އަކަފޫޓަށް ވުރެ ބޮޑު ކޮށްފަ އެވެ. މިބަދަލާއެކު ކަސްޓަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވެސް މިވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. މުވައްޒަފުންގެ އަދަދުވެސް އެތައް ގުނައެއް މައްޗަށް ޖެހިލާފަ އެވެ. ޖާގަވެސް ތިން ގުނަ އިތުރެވެ. އަދި މިތަނުގައި ކުޑަކުދިންގެ ކުޅޭނެ އޭރިއާއެއްވެސް ހުރެ އެވެ.

ނަމަވެސް އެސްޓީއޯ ސުޕަމާޓުގެ ވިޔަފާރީގެ ބޮޑު ބައެއް ބަރޯސާވެފައިވަނީ ލޯކަލް ވިޔަފާރިވެރިންގެ އަތުން ތަކެތި ނަގައި ވިއްކުމަށެވެ. ނަމަވެސް އަގުގެ ގޮތުން ބަލާނަމަ މާބޮޑު ފަރަގެއް ފާހަގައެއް ނުވެ އެވެ. މީގެ ސިއްރަކީ އެސްޓީއޯ އިން އާއްމު ވިޔަފާރިވެރިންނާ ދެމެދު އޮންނަ ގުޅުމެވެ.

އެސްޓީއޯ ސުޕަމާޓްގެ މެނޭޖަރު އިސްމާއިލް ހަމްދޫން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ވެސް އެ ފިހާރަ އިން ވިއްކި އުފެއްދުންތަކުގެ 93 ޕަސެންޓަކީ ރާއްޖޭގެ ލޯކަލް ޕްރޮޑަކްޓްތައް ކަމަށެވެ.

"ލޯކަލް ޕްރޮޑަކްޓް ނަމަވެސް އަގުތައް ވަރަށް ކޮމްޕެޓިޓިވް ވާނެ،" ހަމްދޫން ވިދާޅުވި އެވެ.

ސުޕަމާޓްގެ ވިޔަފާރިން އެތައް ވަޒީފާ ތަކެއް!

ސުޕަމާޓްގެ ވިޔަފާރި ފުޅާވެގެން ދިއުމާއެކު އެންމެ ބޮޑު ފައިދާއެއް ނުކުތީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށެވެ. ބޮޑެތި ފިހާރަތައް ގިނަވުމާއެކު ގިނަ އަދަދެއްގެ ޒުވާނުންނަށް ވަނީ ވަޒީފާގެ ފުރުސަތު އިތުރުވެފަ އެވެ. މިގޮތުން ރެޑްވޭވްގެ ފިހާރަތަކުގައި ޖުމްލަ 30 އަކަށް ކައުންޓަރުން ހިދުމަތް ދެމުންދާއިރު، މި ހުރިހާ ތަނެއްގައިވެސް ތިބީ ދިވެހި ޒުވާނުންނެވެ. އެކަމަކު ބައެއް ސްޕަމާޓްތަކުގައި ސޭލްސްމަނުންނާއި މަސައްކަތު މީހުންނަށް އަދިވެސް ބިދޭސީ އިން އެބަ ތިއްބެވެ.

މީގެ އިތުރުން، އެސްޓީއޯ ސުޕަމާޓުގައި އެކަނި ވެސް ހަތް ކައުންޓަރު ހުރިއިރު ދެ ޝިފްޓަށް މަސައްކަތް ކުރެ އެވެ. އަދި ލޭބަރުން ފިޔަވައި ހުރިހާ ވަޒީފާއެއްގައި ސުޕަމާޓުގައި މަސައްކަތް ކުރަނީ ދިވެހިންނެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި ސުޕަމާޓުގެ ވަޒީފާތަކަށް ގިނަ އަދަދެއްގެ ދިވެހިން ކުރިމަތިލާ ކަމަށެވެ.

"ސުޕަމާޓުގައި މުޅިން ވެސް އުޅެނީ ދިވެހިން. މި ވަޒީފާއަށް ނުކުންނަ ކުދިންގެ ގިނަ ބަޔަކު ވަރަށް ގިނަ ދުވަސް ވަންދެން ވެސް އުޅޭ. ސުޕަމާޓުގައި އާ މޫނުތައް ވަރަށް މަދުވާނެ. ގިނައިން އުޅޭނީ ގިނަ ދުވަހު އުޅެފައި ތިބި މީހުން. ބައެއް މީހުން 20 އަހަރުވެސް އުޅެފައި އެބަހުރި،" ހަމްދޫން ވިދާޅުވި އެވެ.

މީގެ އިތުރުން އަގޯރާ އާއި ފެންޓަސީ އަދި ޝޮޕް އެންޑް ސޭވް ފަދަ ފިހާރަތަކުގެ ފައިސާ ވަތްގަނޑު ބަލަހައްޓަނީ ދިވެހިންނެވެ. އެއީ އެކަމަށް މަޖުބޫރުވެފައި އޮތީމަ އެވެ. ކޮންމެއަކަސް ސުޕަމާޓުގެ ވިޔަފާރި ފުޅާވެއްޖެ އެވެ. މިއާއެކު މުދާ ވިއްކުމުގެ ވާދަވެރިކަން އިތުރުވެގެން ދިޔަ ގޮތަށް ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މިކަމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ.