ޔޫރޯ 2016

މިފަހަރުގެ ޔޫރޯ އެންމެ މުހިންމީ އިންގްލެންޑަށް

Jun 11, 2016

ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގައިވެސް އެންމެ ވާދަވެރި ލީގަކީ އިންގިރޭސި ޕްރިމިއާ ލީގެވެ. ނަމަވެސް ފުޓްބޯޅައިގެ އެ ހަބައިވެތި ޝަރަފު އިނގިރޭސިންގެ އަތުގައި އޮތުމަކުން، އިނގިރޭސިންނަށް ލަދުން ސަލާމަތްވާ ގޮތެއް ނުވެއެވެ.

ޔޫރޯ ކާމިޔާބު ކުރާނެ ކަމަށް ގިނަބަޔަކު އަންދާޒާ ކުރާ ފަސް ޓީމުގެ ތެރޭގައި އިނގިރޭސިންވެސް ހިމެނެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާއި ޖަރުމަނާއި އިޓަލީއާއި ފްރާންސްގެ އިތުރުން އިންގްލެންޑް ގަދަ ފަހެއްގައި ސޯޓްލިސްޓް ކުރާއިރު، މިފަސް ޓީމަކީވެސް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ފަސް ޓީމެވެ.

ނަމަވެސް މިލިސްޓްގައި ޔޫރަޕްގެ ތަށީގައި އަތް ނުލެވޭ ހަމައެކަނި ޓީމަކަށް އޮތީ އިންގްލެންޑެވެ. އެހެންވެ އެލިސްޓްގައި އިންގްލެންޑް އޮތް ކަމުގައިވިޔަސް ޔޫރަޕްގެ ތަށީގައި އެޓީމަށް އަތް ނުލެވި އޮތުމުން، އެޓީމަށް އިނގިރޭސި މީޑިއާތަކުންނާއި ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވާ ޕްރެޝަރު ބޮޑެވެ.

ޔޫރޯގެ 56 އަހަރުވީ ތާރީހްގައި އިނގިރޭސިންނަކީ އެމުބާރާތުގައި މާ ކާމިޔާބު ޓީމެއްވެސް ނޫނެވެ. ޔޫރޯގައި މިހާތަނަށް އެޓީމަށް އެންމެ ދުރަށް ދެވިފައިވަނީ 1968 ވަނަ އަހަރުއެވެ. އެއަހަރު އިޓަލީގައި ބޭއްވި މުބާރާތުގައި އެގައުމުން ވަނީ ތިން ވަނަ ހޯދާފައެވެ.

އޭގެ 28 އަހަރު ފަހުން 1996 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުންވެސް އެޓީމު ކެޓީ ސެމީ ފައިނަލުންނެވެ.

ޔޫރޯގެ ފުރަތަމަ މެޗްގައި މިރޭ އިންގްލެންޑް ރަޝިއާއާ ދެކޮޅަށް ނިކުންނައިރު ވަރުގަދަ ޒުވާން ސްކޮޑަކާއެކު މިފަހަރު މުބާރާތަށް ދިޔަ އިންގްލެންޑް ކޯޗް ރޯއީ ހޮޖްސަންއަށް އޮތް ޕްރެޝަރު ބޮޑެވެ.

މިހާރު އިންގްލެންޑްގެ އޮތް ސްކޮޑަކީ އެގައުމުގެ ޔޫރޯ ތާރީހްގައި ގެންދިޔަ އެންމެ ޒުވާން ސްކޮޑެވެ. ނިސްބަތުން ޓީމުގެ ކުޅުންތެރިންގެ އުމުރަކީ 25 އަހަރާއި 10 މަހެވެ.

މިހާ ޒުވާން ސްކޮޑެއް މުބާރާތަށް ގެންދިއުމުގެ ސިއްރު ގުޅިފައިވަނީ، މުބާރާތުގެ އެންމެ ފަހުގެ 20 އަހަރުގެ ތާރީހަށް ބަލާއިރު ޒުވާން ކުޅުންތެރިންގެ ސްކޮޑްތައް މުޅި މުބާރާތުގައިވެސް އެއްވަރެއްގައި ކުޅުމުގެ ބުންވަރު ހިފައްހަޓައިފައިވުމެވެ.

އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ކާމިޔާބު ކުރުމަށްފަހު، ޔޫރޯ ކާމިޔާބު ކުރުމުގެ ހުވަފެން އިންގިރޭސިން ދެކޭތާ 50 އަހަރުވީއެވެ. އެހެންވެ އިންގްލެންޑް މިފަހަރުގެ ޔޫރޯގައި ވާދަ ކުރުމަށް ފްރާންސަށް ދިޔައީ މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމަށް އެގައުމަށް ގެންދެވެން ހުރި ހުރިހާ ވަސީލަތްތަކެއް ހިފައިގެންނެވެ. ޔޫރޯ ކާމިޔާބު ނުކުރެވި އޮތް ކަމުގެ ލަދުން ސަލާމަތް ވުމަށެވެ.