ބޭރު ކުޅިވަރު

އިނގިރޭސިން ބަލިވެއްްޖެ: ކޯޗު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ރަޝިޔާ އަތުން 1-1އިން އެއްވަރުވެގެން ނިމުނު މެޗަކީ އޭނާގެ ގަބޫލުކުރާ ގޮތުގައި ބަލިވެގެން ނިމުނު މެޗެެއް ކަމަށް އިނގިރޭސި ކޯޗު ބުނެފި އެވެ.

ކޯޗު ރޯއި ހޮޖްސަން ބުނީ ބުނީ މެޗު ޑޮމިނޭޓްކޮށް، ލަނޑުޖަހަން އެތައް ފުރުސަތެއް ހޯދައި ލަނޑު ވެސް ޖެހުމަށްފަހު އެންމެ ފަހު ވަގުތު އެއްވަރުވުމުން ވަރަށް ބޮޑަށް ދެރަވެއްޖެ ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ބަލިވުން. އެކަމަކު މި މެޗުން ވަރަށް ޕޮޒިޓިވް ކަންތައްތަކެއް ފެނިގެން ހިނގައްޖެ. އަހަރުމެންނަށް ދެ ވަނަ ގޯލެއް ނުޖެހުނީ ނަސީބު ވެސް ދެރަކަމުން. ރަޝިޔާ ޓީމުގައި ގަބޫލުވެސް ނުކުރެވޭ ވަރުގެ އިންޑިވިޖުއަލް މޮޅު ކުޅުންތެރިން ތިބި. އެމީހުން ލަނޑު ޖެހީ ވަރަށް އެހެން ކަހަލަގޮތަކަށް ދިޔަ ހުރަހަކުން ލިބުނު ބޯޅައަކުން،" ކޯޗު ބުންޏެވެ.

ހޮޖްސަން ބުނީ މެޗުގެ ފަހު 15 މިނިޓްގައި ކެޕްޓަން ވޭން ރޫނީ ބަދަލުކުރީ އޭނާ ވަރުބަލިވެގެން ކަމަށާއި ބަދަލުގައި ކުޅެން އެރުވި ޖެކް ވިލްޝެއާ އަކީ ވެސް ރޫނީފަދައިން ކުޅޭ މޮޅު ކުޅުންތެރިއެއް ކަމަށެވެ. އެ ބަދަލު އޭނާ ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރި ނަމަވެސް ދެން ގެނައި ބަދަލު ރަނގަޅަށް މަސައްކަތް ނުކުރި ކަމަށެވެ.

"ރަހީމް ސްޓާލިން ބާލާފައި ޖޭމްސް މިލްނާ އެރުވީ ކޯނަރުތަކާއި ޖެހުންތަކުގައި އެޑްވާންޓޭޖް ނަގަން. އެކަމަކު އެކަމެއްނުވި. މި މެޗުން އެއްވަރުވި ނަމަވެސް ކުރިއަށް އޮތް ދެ މެޗު އެބައޮތް. ޓިމުގެ ފަރާތުން ވަނީ ރަނގަޅު ގިނަކަންތައްތައް ފެނިފައި،" ކޯޗު ބުންޏެވެ.

މުބާރާތުގައި އިނގިރޭސިން ދެން ކުޅޭނީ ސްލޮވާކިޔާ އާއި ވޭލްސްއާ އެވެ.