ހަބަރު

"އެކި ވައްތަރުގެ ރާ ލިބެން އެބަހުރި" ކަމަށް ގޮވި މީހާ ބަންްދުކުރީ ރަނގަޅަށް: ހައި ކޯޓް

ގޭދޮރުމަތީގަައި ހުރި މޭޒެއްގައި ތަށިތަކަކާއި ރާ ހުސްކުރި ފުޅިތަކެއް ބަހައްޓައި، އެކި ވައްތަރުގެ ރާ ލިބެން އެބަހުރި ކަމަށް ލައުޑް ސްޕީކަރުން ގޮވި ހދ.ނައިވާދޫ މީހެއްގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ނައިވާދޫ ޖަވާހިރުމާގޭ އަހްމަދު ފާއިޒް ވަނީ ވަނީ ގޭ ދޮރުމަތީގައި މޭޒެއް ބަހައްޓައި، ރާ ބޯން ގެންގުޅޭ ފާޑުގެ ތަށިތަކެއް އެ މޭޒުމަތީގައި ބެހެއްޓުމަށް ފަހު ރާ ހުސްކުރި ފުޅިއަކަށް އެއްޗެއް އަޅައި، އެ އެކި ވައްތަރުގެ ރާ ލިބެން އެބަހުރި ކަމަށް ސްޕީކަރެއް ބޭނުންކޮށްގެން ގޮވައިފަ އެވެ. މި މައްސަލަައިގެ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ދިނީ ޖެނުއަރީ 31 އިން ފެށިގެން ތިން ދުވަހުގެ މުއްދަތެވެ. މިއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކުރި ބަންދެއް ކަމަށް ބުނެ އަހްމަދު ފާއިޒު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ޖެހިގެން އައި ދުވަހު އެވެ.

އަހްމަދު ފާއިޒުގެ ފަރާތުން ހައި ކޯޓުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ބަނގުރާ އިސްތިހާރުކުރި ކަމަށް ބުނެ ނަމަވެސް އޭނާ ހައްޔަރުކުރީ އަތުގައި އެފަދަ އެއްޗެއް ހުރިތޯ ވެސް ނުބަލައި ހަމައެކަނި ބަޔަކު ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކުރި އިރު، ތުހުމަތާ ގުޅޭ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި މިއީ ސިޔާސީ ގޮތުން ކުރި ހައްޔަރެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް ބަންދަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނީ ދަށު ކޯޓުން ބަންދު އިތުރުކުރި އިރު އަހްމަދު ފާއިޒަކީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން މުޖުތަމައަށް ނުރައްކާ އޮތް މީހެއްކަން ފުލުހުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުން އެނގެން އޮންނާތީ އެވެ. އަދި އެކި ވައްތަރުގެ ރާ ލިބެން އެބަހުރި ކަމަށް އަހްމަދު ފާއިޒް ގޮވި ކަމަށާއި ރާހުސްކުރި ދެ ފުޅި ވެސް އޭނާގެ ގޭ ދޮރުމަތިން ފެނުނު ކަމަށް ހެކިބަސް ދޭ މީހުން އެބަތިބިކަން ދައުލަތުގެ ފަރާތުން ހުށަހެޅި ބަޔާނުން އެނގޭ ކަމަށް ވެސް ހައި ކޯޓުން ވަނީ ބުނެފަ އެވެ. އަދި ރާ ލިބެން އެބަހުރި ކަމަށް ގޮވި ވަގުތަކީ ނައިވާދޫ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެވަގުތު އެތަނުގައި ތިބި ވަގުތެއް ކަމާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

ކޯޓުން ބުނީ މި ކަންކަމަށް ބަލާއިރު އަހްމަދު ފާއިޒް ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލްކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގު ކަމަށެވެ.