ބޭރު ކުޅިވަރު

ޕޮލެންޑް ފެށުން ރަނގަޅުކޮށްފި

Jun 12, 2016

އަރްކަންދިއުސް މިލިކް ނޮދަން އަޔަލޭންޑް ޖެހި ހަމައެކަނި ލަނޑުން މޮޅުވެ، ޕޮލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މި މެޗުގެ ހަަމައެކަނި ލަނޑު އޭނާ ޖެހީ ފަހު ހާފު ފަށައިގެން ހަ ވަނަ މިނިޓެވެ. މިއީ ޕޮލެންޑް ޔޫރޯގައި ހޯދި ފުރަތަމަ މޮޅެވެ.

ވަރަށް ޑިފެންސިވްކޮށް ކުޅުނު ނޮދަން އަޔަލޭންޑުން މި މެޗުގައި ޕޮލެންޑްގެ އެންމެ ނުރައްކާތެރި ފޯވަޑް އަދި ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ އަށް ލަނޑު ޖަހަން ފުރުސަތެއްދީފައިނުވެ އެވެ. އަދި އެ ޓީމުގެ ކީޕަރު ވަނީ މޮޅު ސޭވަތަކެއްކޮށްފަ އެވެ. ޖުމުލަ 18 ޝޮޓް ޕޮލެންޑް ޓީމުން ނެގިއެވެ.

މީގެ އިތުރުން މި މެޗަކީ 1986ގެ ވޯލްޑް ކަޕުގެ ފަހުން ނޮދަން އަޔަލޭންޑް ބޮޑު މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ފަހުން ނޮދަން އަޔަލޭންޑާ ދެކޮޅަށް ޕޮލެންޑް އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އެއްވަރުވެފައިވަނިކޮށް ހޯދި މުހިންމު މޮޅެކެވެ.

މި ދެބައި މީހުން 1962 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރީ ނޮދަން އަޔަލޭންޑެވެ.

މި ދެ ޓީމު ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ޔުކްރޭނެވެ.