ރިޕޯޓް

މީޑިއާނެޓް: ބޮލުގަ ރިހުމެއް، ޝަކުވާއެއް!

Feb 12, 2015
12

ރާއްޖޭގައި މިހާރު އޮތް އެންމެ ބިޔަ އަދި އާރާއި ބާރުގެ ގޮތުން އެންމެ ގަދަފަދަ މޮނޮޕޮލީ އަކީ މީޑިއާނެޓެވެ. އެ މީހުންގެ އަތުގައި އޮތް ބާރަކީ ގާތްގަނޑަކަށް މުޅި ރާއްޖޭގެ ރައްޔިތުންގެ މުނިފޫހިފިލުވުމުގެ ދާއިރާ ބޭނުން ގޮތަކަށް އަނބުރާލުމެވެ. އެކަން އެ މީހުން ވަރަށް ރަނގަޅަށް ވެސް ކުރެ އެވެ. އެކި ނަން ނަމުގައި ދެ މަހުން ކަހަލަ ގޮތަކަށް ޕެކޭޖްތަކާއި އާ ވައްތަރުގެ ޑީކޯޑަރުރައް ތައާރަފްކޮށް އެ އަގު ދައްކަން ކަސްޓަމަރަށް އޮންނަނީ މަޖުބޫރުވެފަ އެވެ. ޗެނަލްތައް ބަލަން ބޭނުންވާ ނަމަ އެ ނޫން ގޮތެއް ދެން ނޯންނާނެ ވަރަށް ކަސްޓަމަރުން މިތިބީ ފިއްތާލައިފަ އެވެ.

އެންމެ ފަހުން މީޑިއާނެޓުން، މުޅިން އާ އެޗްޑީ ޕެކޭޖްތަކެއް ތައާރަފް ކޮށް، މީގެ ކުރިން 300ރ އަށް ބަލައިލެވޭ ޗެނަލްތަކަށް މިހާރު 500ރ. އަށް ވުރެ ބޮޑު އަގެއް ދައްކަން ޖެހެ އެވެ.

މީޑިއާނެޓްގެ ބަހަނާ އަކީ މިހާރު ޗެނަލްތަކުގެ ކޮލިޓީ ރަނގަޅުވެފައި ޗެނަލްތައް ގިނަ ވެސް ވާނެ ކަމަށެވެ. އެކަމަކު މުހުލަތެއް ވެސް ދިނުމެއް ނެތި ކަސްޓަމަރަށް މަޖުބޫރު ކުރުވައިގެން ބޮޑު އަގެއް ނެގުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ހެއްޔެވެ؟ އަދި ގަތްތާ މަހެއް ވެސް ނުވާ ޑީކޯޓަރު، "ޒަމާނީ ޑީކޯޑަރަކަށް" ބަދަލު ނުކުރާ ނަމަ ހަމަ ޓަސްލާފައި ހިދުމަތް ވެސް ކަޑާލަނީ އެވެ. މީޑިއާނެޓްގެ ބާރު އެ މީހުން ބޭނުން ކުރަމުން މި އަންނަނީ ހިތުހުރި ގޮތަކަށް ނޫން ހެއްޔެވެ؟ މިފަހަރު ޗެނަލްތަކުގެ އަގަށް ގެނައި ބަދަލުތަކާ އެކު އާންމުންގެ ޝަކުވާތައް މި ވަނީ ފުރި ބާރުވެފަ އެވެ.

މީޑިއާނެޓަކީ ކޭބަލް ޓީވީ ކުންފުނިތަކެއް އެކުވެރިވުމުގެ ތެރެއިން އުފެދިގެން އައި މާ ސިންގާ ކުންފުންޏެވެ. ނަވާރަސްތޭކައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ތައާރަފްކުރީ ވާދަވެރި މާހައުލެއްގައި މެސްކޯ އާއި ޖޭސެޓުން ވާދަވެރިންގެ ގޮތުގައި ތިބެ އެވެ. އެކަމަކު މަންޒަރު ބަދަލުވީ، މަހުޖަނު ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މެސްކޯގެ ބޮޑު ހިއްސާއެއް ބައްލަވައިގަތުމުންނެވެ. އަދި އެ ހިސާބުން ނިމުނީއެއް ނޫނެވެ. ޖޭސެޓް ވެސް ބައްލަވައި ގަނެ، ކޭބަލް ޓީވީގެ ހިދުމަތް ދޭނެ މައި އެއް ކުންފުނި އުފެއްދެވި އެވެ. އެހެން ބަޔަކަށް އެ ވިޔަފާރިއަށް ނުވަދެވޭހާ ވަރުގަދަ ކުންފުންޏެއްގެ ގޮތުގައި މީޑިއާ ނެޓް އުފަންވީ އެވެ. އަދިވެސް އެ ބަދަލުވީ ހާލަތު އެ އޮތީ އެގޮތަށެވެ.

"އޭރު އެ އޮތް ދެ ކުންފުންޏަށް ދިމާވި މާލީ މައްސަލަތަކާއި އެހެން ވެސް މައްސަލަތަކާ ހުރެ އެ ކުންފުނިތަކުގައި އޭރު ހުރި ހިއްސާތައް ގާސިމަށް ވިއްކާލީ. އޭގެ ފަހުން ބީނެޓް ވެސް އުފެދުނު. ނަމަވެސް އެކަން ވެސް އެހާ ކާމިޔާބު ކޮށްނެއް ނޫން ދިޔައީ. އެ ހިސާބުން މިހާރު މި އޮތް މީޑިއާ ނެޓް ފެށިފައި ވަނީ،" އެ ދުވަސްވަރު ކޭބަލް ޓީވީގެ ހިދުމަތް ދޭން ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ފަޔާޒު (ޖޭބީ ފަޔާޒް) ވިދާޅުވި އެވެ.

މާލޭގައި ކޭބަލް ޓީވީ ދިނުމުގެ ހުރިހާ ބާރެއް އަލަށް އުފެދުނު މީޑިއާނެޓްގެ މުށުތެރެއަށް ދިޔުމާ އެކު އެ ކުންފުނިވީ، ރާއްޖޭގެ ވިޔަފާރީގެ އެންމެ ވަރުގަދަ އެއް މޮނޮޕޮލީއަށެވެ. އެ ކުންފުނިން ހިދުމަތްތަކުގެ އަގު ބޮޑު ކުރަމުން ދިޔައީ މަންޒަރު ވަކިނުވާާހާ ބާރު މިނުގަ އެވެ. އެކަމަކު އަގުތައް އުފުލެމުން ދިޔަ ވަރަށް ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ނުވުމުގެ ޝަކުވާ ދިޔައީ ބޮޑުވަމުންނެވެ. އެއީ އާންމުންގެ އެންމެ ބޮޑު ޝަކުވާ އެވެ. އަގުދައްކާ ވަރަށް ޗެނަލްތައް ނުލިބުމާއި ޗެނަލްތައް ހަމަޔަށް ސާފުކޮށް ނުލިބުމަކީ ހުއްޓުމެއް ނެތި އާންމުންގެ ޝަކުވާ އެކެވެ. އަހަރު ދެކޮޅު ޑީކޯޑަރު ބަދަލު ކުރަން ޖެހުމަކީ ވެސް އޮތް ޝަކުވާ އެކެވެ. ހަމަ ހިތަށް އަރާ އިރަށް ޗެނަލްތަކުގެ އަގުތަކަށް ބަދަލުގެނެ އެވެ. އެއީ ކަސްޓަމަރަށް އެއްވެސް ނޯޓިސް އެއް ދިނުމަކާ ނުލަ އެވެ.

"އަޅުގަނޑު މިއީ އެޗްޑީ ޕެކޭޖެއް ނަގައިގެން އުޅޭ މީހެއް. އެކަމަކު ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ ޑީކޯޑަރު ބަދަލު ކުރި ފަހުން އެޗްޑީ އެއްވެސް ޗެނަލެއް ނުލިބޭ. އަނެއްކާ ބައެއް ދުވަސް ދުވަހު އެއްގޮތަކަށް ޗެނަލްތައް ނުފެނިވެސް ހުންނަން އެބަ ޖެހޭ،" ހުޅުމާލޭގައި އުޅޭ މީހަކު ބުންޏެވެ.

މީޑިއާނެޓްގެ މޮނޮޕޮލީގެ ސަބަބުން ކޭބަލްޓީވީގެ ހިދުމަތުގެ އަގުތައް ކުޑަކުރަން ދެއްކޭނެ ހަމަ އެއްވެސް ބަހަނާއެއްނެތެވެ. ހިދުމަތުގެ ފެންވަރު މައްޗަށް ހިއްލައިލަން ވެސް ވަކި ކުރެވޭނެ ކަމެއް ނެތެވެ. ރުހުނަސް ނުރުހުނަސް އޮތީ މީޑިއާނެޓްގެ ދަށުވެގެން ތިބޭށެވެ. އެ މޮނޮޕޮލީ ރޫޅާލުން ވަނީ އުނދަގޫ ކަމަކަށެވެ.

އިކޮޮނޮމިކް މިނިސްޓަރުކަން ކުރެއްވި، އަހުމަދު މުހައްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އާބާދީ ކުޑަވުމާއި އުފެދިފައިވާ ގޮތުގެ ސަބަބުން މާ ގިނަ ވިޔަފާރިތަކަށް އެއްފަހަރާ ވާދަކުރުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށެވެ. އެކަމުގެ ސަބަބުން އޭގެ ޒާތުގައި އަމިއްލައަށް މޮނޮޕޮލީތަކެއް އުފެދޭ ގޮތް ދިމާވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާގިނަ ވިޔަފާރިތަކަށް އެއްބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ދެކޮޅު ޖެއްސޭނެ ކަމަކަށް ނުވާނެ އެވެ.

"މާގިނަ ވިޔަފާރިއަކަށް ރާއްޖޭގައި އެއްފަހަރާ އެކީގައި ވިޔަފާރިތައް ކުރުމަކީ ކުޅަދާނަކަމަކަށް ނުވާނެ. އެކަމުގެ ސަބަބުން ރާއްޖެ ކަހަލަ ގައުމުތަކުގައި މޮނޮޕޮލީތައް އޭގެ ޒާތުގައި ވެސް އުފެދޭނެ. އެކަން ވީހާ ވެސް ބޮޑަކަށް ކުޑަކުރަން ފިޔަވަޅުތައް އަޅަން ޖެހޭނީ،" އަހުމަދު ވިދާޅުވި އެވެ.

ރާއްޖޭގައި ބައެއް ވިޔަފާރިތައް ފުޅާވިލެއް ބޮޑުކަމުން އެހެން ބަޔަކަށް ދެން އެ ދާއިރާގެ ތެރެއަށް ވަންނަން އުނދަގޫވެފައިވާ ކަމަށް ވެސް އަހުމަދު ދެކެވަޑައިގަންވަ އެވެ. މިއީ އެންމެ ނުރައްކާތެރި އެއްބާވަތުގެ މޮނޮޕޮލީ އެވެ. އެފަދަ ހާލަތްތަކުގައި އަހުމަދު ވިދާޅުވި ގޮތުގައި ކުރެވެން އޮތް ކަމަކީ އެފަދަ ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އިނާޔަތްތަކެއް ދީގެން އެފަދަ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ދޮރު ހުޅުވާލުމެވެ. ނަމަވެސް އެކަމަށް އެންމެ އެދެވޭ މަސައްކަތެއް މިހާތަނަށް އަދި ކުރެވިފައި ނެތް ކަމަށް އަހުމަދު ވެސް ގަބޫލުކުރައްވަ އެވެ. އަދި އެއާ އެކު މޮނޮޕޮލީތައް ހުއްޓުވަން ބާރު ލިބިދޭ ގާނޫނުތަކެއް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންޓި ކޮމްޕެޓެޓިވް ބިހޭވިއާ އާއި މާޖާޒް އެކުއިޒިޝަން އާއި ބެހޭ ގާނޫނުތައް އެބަ ހުރޭ ބޭރު ގައުމުތަކުގައި. ރާއްޖޭގައި ވެސް މިކަަހަލަ ގޮތަކަށް އެކަން ހުއްޓުވިދާނެ. މިހާރު ގާނޫނުތައް މި ހުރީ ވަރަށް ލޫސްކޮށް. މިހާރު މިހިރަ ގޮތުން މޮނޮޕޮލީއެއް އުފެދިގެން ދާއިރު އެކަމަށް ފިޔަވަޅެއް ނޭޅޭ،" އަހުމަދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ އާތިފް ޝަކޫރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މޮނޮޕޮލީތައް އުފެއްދީ ގާނޫނުތަކުން އެކަން މަނާ ނުކުރެވޭތީއެއް ނޫނެވެ. އަދި އެއީ ރާއްޖެ ކުޑަވުމާއި އާބާދީގެ ނިސްބަތުގެ ސަބަބުން އެކަން ދިމާވާ ގޮތެއް ވެސް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުން ކޮންމެ ކެޕިޓަލިސްޓް އިގްތިސާދެއްގައި ވެސް މޮނޮޕޮލީތައް އުފެދެ އެވެ. އެއީ އޭގެ ޒާތުގައި މެދުވެރިވާ ކަމެއް ނަމަވެސް އެކަން ކުރިމަތިވުމަށް އެއްވެސް އިގްތިސާދަކުން ދުލެއް ނުކުރާނެ އެވެ.

މިސާލަކަށް އެެމެރިކާއަށް ބަލަމާ ހިނގާށެވެ؛ އެމެރިކަން އެއާލައިންސް އާއި ޔޫއެސް އެއާވޭޒް އެއްކޮށްލައި ދުނިޔޭގެ އެންމެ ބިޔަ އެއާލައިން އުފެއްދުމަށް އެ ދެ ކުންފުނިން މަސައްކަތްކުރި ނަމަވެސް އެ ގައުމުން "އެންޓި ޓްރަސްޓް ގާނޫނު"ން އެކަން ހުއްޓުވީ އެވެ. ސަބަބަކަށް ވީ، ދެ އެއާލައިން އެއްކޮށްލުމުން އޭވިއޭޝަންގެ ސިނާއަތް އެއްބަޔެއްގެ މުށުތެރެއަށް ގޮސް ހިތުހުރު ގޮތަކަށް އެ ދާއިރާގެ އަގުތައް ބަދަލުކޮށްލުމުގެ ބިރު ބޮޑުވުމެވެ.

އާތިފް ގަބޫލުކުރައްވަނީ ރާއްޖޭގައި މޮނޮޕޮލީތައް އުފެއްދީ ވަކި ބައެއްގެ ފައިދާއަށް ޓަކައި ބަޔަކު ގަސްތުގައި ކަމަށެވެ. އޭގެ ގެއްލުން އުފުލަން ޖެހެނީ ރައްޔިތުންނަށް ކަމަށް އާތިފް ވިދާޅުވި އެވެ. މޮނޮޕޮލިތައް އުފެދެމުން އައިއިރު އެކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅިފައި ނެތުމަކީ މޮނޮޕޮލިތަކުގެ މައްސަލަ ރާއްޖޭގައި ބޮޑުވި އެއް ސަބަބު ކަމަށް އާތިފް ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ބައްލަވާ އޭރުގައި ދިރާގު އެކަނި އޮއްވާ ހަމަ ވަތަނިއްޔާ ގެނެސްގެން ވެސް އެ މޮނޮޕޮލީ ދުއްވާލީ. އޭރު ވެސް ގާނޫނުތަކެއް ނެތް. އެހެން ވީމާ މިއީ ބަޔަކު ގަސްތުގައި މިކަން މި ކުރަނީ. މޮނޮޕޮލީއަކީ މިއީ ހަމަ ކޮންމެ ގޮތެއް ހަދައިގެން ވެސް ހުއްޓުވަން ޖެހޭ އެއްޗެއް. އެކަމަށް މަސައްކަތް ކުރެވިއްޖިއްޔާ އެކަން ހުއްޓުވޭނެ،" އާތިފް ވިދާޅުވި އެވެ.

މާލެ އާއި މާލެ ސަރަހައްދަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައި އޮތް ހަމައެކަނި ކުންފުންޏަށް މީޑިއާނެޓް ވެފައި އޮތުމަކީ ކަމާ ގުޅޭ މުއައްސަސާތަކުގެ މެދުގައި ވެސް ދިގު ބަހުސްތަކެއް ހިނގައި ކަންބޮޑުވި މައްސަަލަ އެކެވެ. ބްރޮޑްކާސްޓިން ދާއިރާއާ ގުޅުން ހުރި ކަންކަން ބެލުމުގެ ޒިންމާ އުފުލާ މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ މާލެ އާއި މާލެ ސަރަހައްދަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ އެހެން ފަރާތްތަކަށް ވެސް މިހާރު ދީފައިވާ ކަމަށެވެ. އަދި މީޑިއާނެޓްގެ މޮނޮޕޮލި ނައްތާލުމަށް އެ ހޯދައިދެވުނީ ހައްލެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މިހާރު އެކަމުގެ ހުއްދަ މީޑިއާނެޓަށް ނޫން އެހެން ފަރާތްތަކަށް ވެސް މި ވަނީ ދެވިފައި. އެހެންވީމާ މިހާރު މޮނޮޕޮލީގެ ސުވާލެއް ނެތް. އެ ހުއްދަތަކާ އެއްގޮތަށް އެބޭފުޅުންނަށް ހިދުމަތް ފުޅާކުރުމުގެ ފުރުސަތު ވަނީ ދެވިފައި،" ޝަހީބު ވިދާޅުވި އެވެ.

މީޑިއާނެޓް ނޫން ފަރާތްތަކަށް ވެސް މާލެ އާއި މާލެ ސަރަހައްދަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައި އޮތަސް މީޑިއާނެޓްގެ މުށުތެރޭގައި އެ ބާޒާރު ބާއްވައި އެ މީހުންގެ ނުފޫޒު ފަތުރަމުން ދާހާ ހިނދަކު އެހެން ބަޔަކަށް އެ ވިޔަފާރީގައި ކުރިއަކަށް ނުދެވޭނެ އެވެ. އެހެން ކޮންމެ ބަޔަކު ވެސް ވާނީ ފެއިލް އެވެ. މީޑިއާނެޓް މޮނޮޕޮލީއެއްގެ ގޮތުގައި ފައްކާ ކުރި ބަޔަކު އެކަން ކުރީ މިއަދު މިފެންނަ މަންޒަރު ދަށްކަން ނޫންބާ އެވެ؟ އެކަމަކު އަދި މިހެން ތިބެވޭކަށް ވެސް ނެތެވެ. އާންމުންގެ ޝަކުވާތަކަށް ނިމުމެއް ގެންނަން ވެސް މި ބިޔަ މޮނޮޕޮލީ މިއަދު ރޫޅާލައި ކުދިކުދި ކޮށްލަން ޖެހިފަ އެވެ.