ބޭރު ކުޅިވަރު

ޔުކްރޭން ކީޕަރަށް ތައުރީފް، ޖަރުމަނަށް އުނދަގޫ މޮޅެއް

ޔުކްރޭނެ ކީޕަރު މޮޅު ސޭވްތަކެއް ކުރި ނަމަވެސް 2-0އިން މޮޅުވެ ދުނިޔޭގެ ޗެމްޕިއަން ޔޫރޯގެ ފެށުން ރަނގަޅުކޮށްފި އެވެ.

ފްރާންސްގައި ކުޅުނު މި މެޗުގައި ޖަރުމަނުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި ޑިފެންޑަރު މުސްޓާފީ އެވެ. އޭނާ ލަނަޑު ޖެހީ ޓޯނީ ކްރޫސް ނަގައިދިން ހިލޭޖެހުމަކުންނެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހަން ހުސް ފުރުސަތުތަކެެއް ލިބުނު މެޗުގައި ޖަރުމަނުގެ ދެ ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ކެޕްޓަން ބަސްޓިއަން ސްވެން ސްޓައިގާ އެވެ.

މި މެޗުގައި ޖަރުމަނުން ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރީ ޔުކްރޭނުގެ ކީޕަރު ޕަޔަޓޯވް އެވެ. އަދި ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

މި މެޗުގައި ޔުކްރޭނުން 19 އަހަރުގެ ޒިންޗެންކޯވް ކުޅެން ނުކުތުމުން އޭނާ ވެގެންދިޔައީ އެ ގައުމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

މި މެޗުން މޮޅުވުން ޖަރުމަނު ޔޫރޯގެ ކޮންމެ މުބާރާތެއްގެ ވެސް ފުރަތަމަ މެޗުން މޮޅުވަމުން އައި ސިލްސިލާ އަށް ވަނީ ބޮޅެއް އިތުރުވެފަ އެވެ.