ވެލެންސިއާ

ވެޓަރަންސް ކަޕް: ބީޖީގެ މައްޗަށްވެސް ވެލެންސިއާ ކުރި ހޯދައިފި

ވެޓެރަންސް ކަޕްގައި ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ނަތީޖާއަކުން ކުރި ހޯދައި ވެޓަރަންސް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކްލަބު ވެލެންސިއާއިން ކުޅުނު ދެ ވަނަ މެޗްވެސް ކާމިޔާބުކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ވެލެންސިއާގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މައުސޫމް ޢަބްދުލް ޣަފޫރު (މާސޭ) އެވެ. ވެލެންސިއާގެ ދެ ވަނަ ލަނޑު އޭގެ ނުވަ މިނެޓް ފަހުން ކާމިޔާބު ކުރީ އިސްމާޢީލް އަނިލް އެވެ.

ފުރަތަމަ ހާފު 2-0 ން ކުރީގައި އޮވެގެން ނިންމާލީ ވެލެންސިއާއަށް ދެ ވަނަ ހާފުގައި އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކުރީގެ އެއްވަނަ ފޯވަޑް އިސްމާއީލް މުހައްމަދު (އިއްސެ) އެވެ. ހަތަރު ވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ރަމީޒެވެ.

ވެލެންސިއާއަށް ވަނީ ފަހުން ލީޑް ފުޅާ ކުރުމަށް ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ބީޖީގެ ކީޕަރު ހަސަން ރަޝީދު ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފައެވެ.

ބީޖީއަށް ސުން ކަނޑުވަލަދިން ލަނޑު ކާމިޔާބު ކުރީ އާދަމް ލަރީފް (ރޮނާ) އެވެ. މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދިވެހި ފުޓްބޯޅައިގައި ކުރީގެ އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ ވިކްޓްރީ އާއި ނިއުރޭޑިއަންޓެވެ.