ނިއުކްލިއާ އިއްތިހާދު ނުވަތަ ނިއުކްލިއާ ސަޕްލަޔާސް ގުރޫޕް (އެންއެސްޖީ) ގެ މެންބަރުކަން ހޯދަން އިންޑިއާއިން ކުރާ މަސައްކަތުގައި، ރަޝިއާގެ އެހީތެރިކަން ހޯދަން އިންޑިއާގެ ބޮޑު ވަޒީރު ނަރެދުންރަ މޯދީ ރަޝއާގެ ރައީސް ލަޑީމިއާ ޕޫޓިންގެ އެހީތެރި ކަމަށް އެދިވަޑައިގެންފި އެވެ.
މިދިޔަ ހަފުތާގައި ވޮޝިންޓަނަށާއި ޖެނީވާގެ އިތުރުން މެކްސިކޯ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވެސް މޯދީވަނީ އެންއެސްޖީގެ މެންބަރުކަން އިންޑިއާއަށް ހޯދަން އެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއެކު މަޝްވަރާ ކުރައްވާފަ އެވެ. ދެތުރުފުޅުން އެނބުރި ވަޑައިގެން މޯދީ ވަނީ ރަޝިޔާގެ ރައީސް ޕޫޓީއަށް ފޯނުން ގުޅުވައި އެންއެސްޖީގެ މެންބަރުކަން އިންޑިއާއަށް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
އިންޑިއާއަށް އެންއެސްޖީގެ މެންބަރުކަން ދިނުމަށް ޗައިނާގެ ފަރާތުން އިޖާބީ ޖަވާބެއް ލިބިފައެއް ނުވެއެވެ.
ދަ ހިންދޫ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މޯދީ ރަޝިއާގެ އެހީތެރި ކަމަށް އެދިވަޑައިގަތުމުގެ އެއް ސަބަބަކީ ރަޝިޔާ މެދުވެރިކޮށް ޗައިނާގެ ވިސްނުން ބަދަލު ކުރުމެވެ. މީގެ އިތުރުން ތުރުކީވެސް އިންޑިއާއަށް އެންއެސްޖީގެ މެންބަރުކަން ދިނުމަށް ތާއީދެއް ނުކުރެއެވެ. ތުރުކީގެ ގުޅުން އިންޑިއާއަށް ވުރެ ބޮޑަށް އެ ގައުމުން ބާއްވަނީ ޕާކިސްތާނާ އެވެ. ޕާކިސްތަނަކީވެސް އިންޑިއާއެކޭ އެއްގޮތަށް ނިއުކްލިއާ ބާރެކެވެ.
އިންޑިއާއަށް އެންއެސްޖީގެ މްންބަރުކަން ދިނުމަށް އެމެރިކާއިން ތާއީދު ކުރެއެވެ. އެމެރިކާއިން އެންމެ ފުރަތަމަ އެކަން އިއުލާން ކުރީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ 2010 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުގަ އެވެ.
އިންޑިއާއަށް އެއިއްތިހާދު މެންބަރުކަން ދިނުމާ ބެހޭގޮތުން ވަކި ނިންމުމެއް ނިންމާނީ މިމަހު 23 ގައި ދެކުނު ކޮރެއާގައި ފަށާ އެންއެސްޖީގެ ބައްދަލުވުމުގަ އެވެ.
އެންއެސްޖީއަކީ ވަކި މިންވަރަކަށް ނިއުކްލިއާ ބާރުވެރިކަން ލިބިފައިވުމުގެ އިތުރަށް ސިނާއީ ބޭނުންތަކަށް ނިއުކްލިއާ ބޭނުން ކުރުމުގެ އިހްތިޔާރު ލިބޭ ގައުމުތައް ހިމެނޭ އިއްތިހާދެކެވެ. އެއިއްތިހާދުގައި ހިމެނެނީ 48 މެންބަރުންނެވެ.