އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ޔުނައިޓެޑް ވިކްޓރީއާ ދެކޮޅަށް ކުޅުނު މެޗްގައި ލަނޑެއް ނުޖެހި އެއްވަރުވުމަކީ އީގަލްސްއަށް ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށް އީގަލްސްގެ އެސިސްޓެންޓް ކޯޗް އަޙްމަދު ޝާކިރު (ސާކިއްޓޭ) ބުނެފި އެވެ.
ޔުނައިޓާޑް ވިކްޓްރީއާ ދެކޮޅަށް މިރޭ ކުޅުނު މެޗަށް ފަހު ޝާކިއްޓޭ ބުނީ އެއްވަރުވުމަކީ އީގަލްސްގެ ފެންވަރެއް ނޫން ކަމާށާއި މެޗް އެއްވަރު ވެގެން ނިމުނީ ޔުނައިޓަޑް ވިކްޓްރީން މިރޭ އިތުރަށް މަސައްކަތް ކޮށްގެން ކަމަށެވެ.
ޝާކިއްޓޭ ބުނީ ފުރަތަމަ ހާފުގައި އީގަލްސްގެ ކުޅުންތެރިންނަށް ގޭމް ތެރެއަށް ނުވަދެވުމުން އެކަމުން ނަތީޖާއަށް އަސަރު ކުރި ކަމަށެވެ.
"އީގަލްސްގެ ފެންވަރުގައި، އީގަލްސް މިއަށް ވުރެ ރަނގަޅަށް ކުޅޭނެ. މިއީ ނަތީޖާ ނެރެވެން ޖެހޭނެ މެޗެއް، ދެން ލީގަށް އާ ޓީމެއް ކަމަށް ވިޔަސް ޔުނައިޓަޑް ވިކްޓަރީގައި އެބަތިބި މިފެންވަރުގައި މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިން. އީގަލްސްގެ ކުޅުންތެރިންނަށް މެޗްގެ ކުރީކޮޅު މެޗުގެ ތެރެއަށް ވަދެވުނު ނަމަ، ލަނޑެއް ޖެހުނިސް" ޝާކިއްޓޭ ބުންޏެވެ.
އޭނާ ބުނީ ދެ ކުޅުންތެރިން ފިޔަވައި، މިރޭ އީގަލްސްއިން ކުޅެން ނެރުނީ މުޅިން 23 އަހަރުން ދަށުގެ ކުޅުންތެރިންކަމަށާއި ނަތީޖާ އެއް ނުނެރެވުމުގައި އެއީވެސް ސަބެއް ކަމަށެވެ.
"އެ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާއެއް ހޯދައިދިނުމަށް މެޗްތަކުން ވެސް ފުރުސަތު ދޭން ޖެހޭ،" ޝާކިއްޓޭ ބުންޏެވެ.
މެޗްގެ އެންމެ ފަހު މިނެޓްގައި ކުޅުމުން ބޭރުން، އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު ސެޑިކް އީގަލްސްގެ ކުޅުންތެރިޔަކަށް ހަމަލާ ދިނުމުން ރެފްރީވަނީ އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ޝާކިއްޓޭ ބުނީ ބޭކާރު ކަމެއްގައި ކާޑެއް ހޯދައިގެން އިގަލްސްއިން އެކަން ބަލައި ނުންގާންނާނެ ކަމަށާއި، އެކަށް ކުށްވެރި ކުރާ ކަމަށެވެ.
މެޗްގެ ފަހު ވަގުތު ހޫނުވެ ރެފްރީ ވަނީ އީގަލްސްގެ އަނެއް އެސިސްޓެންޓް ކޯޗް އަޙްމަދު ނިމާދު (ނިމާ) ވެސް ބެންޗުން ފޮނުވާލާފަ އެވެ. ޝާކިއްޓޭ ބުނީ މެޗްގެ އޮއިވަރު ދިޔަ ގޮތުން "ނިމާއަށްވެސް އައި ފޯރީގައި އެހެން ދިމާވީ" ކަމަށާއި އެއީ މާބޮޑު މައްސަލައެއް ނޫން" ކަމަށެވެ.
މެޗްގެ ޕްރެސްއަށް ޔުނައޓާޑް ވިކްޓްރީއަކުން ހާޒިރެއް ނުވެއެވެ. ލީގްގައި މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސްއެވެ.