ހަބަރު

ނާޒިމް ބަންދުކުރި މައްސަލަ އިސްތިއުނާފަށް ބަލައިގެންފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކުރި މައްސަލަ އިސްތިއުނާފު ކުރަން އިއްޔެ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

މައްސަލަ އިސްތިއުނާފަށް ބަލައިގެން ނަމަވެސް އެ މައްސަލަ އަދި ވަކި ދުވަހަަކަށް ތާވަލްކުރި ކަމެއް ނޭނގެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ނާޒިމް ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ މެންދަމު އެވެ. ނާޒިމް ހައްޔަރުކޮށްފައި ވަނީ ހަތިޔާރު ބޭނުންކޮށް ދައުލަތުގެ އިސް ވެރިންނަށް ގެއްލުން ދިނުމާއި ވެރިކަން ބަދަލުކުރަން ރޭވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އެކި ފަރާތްތަކާ ގުޅިގެން ވެރިކަން ބަދަލު ކުރަން ނާޒިމް ރާވާފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރުމަށް ފަހު އެތަނުން ފިސްތޯލައަކާއި ވަޒަންތަކެއް ފެނުނު ކަމަށް ބުނިތާ ވިއްސަކަށް ދުވަސް ފަހުންނެވެ. އެހެންވެ ނާޒިމްގެ ގާނޫނީ ޓީމުން ބުނަމުން ދަނީ ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރީ ނާޒިމަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ފުލުހުން ބުނުމުން ކަމަށާއި އެކަމަކު އެހާ ނުރައްކާ މީހެއް ނަމަ މިހާ ދުވަހު ހައްޔަރު ނުކޮށް ބެހެއްޓުމުން ސުވާލު އުފެދޭ ކަމަށެވެ.