ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި ގޮއްވާލި ބޮން ތައްޔާރުކުރި ސިފައިންގެ މީހާ މިނިވަންކޮށްފި އެވެ. އޭނާ މީގެކުރިން ހުރީ ފުލުހުންގެ ބަންދުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ އެކްސްޕްލޯސިވް އޯޑަނެންސް ޑިސްޕޯސަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރި މުހައްމަދު ޖަވާޒެވެ.
ޖަވާޒަކީ ހަތިޔާރާއި ގޮވާތަކެތީގެ ރޮގުން އިންޑިއާ، ޗައިނާ އަދި ޕާކިސްތާނުން އަސްކަރީ ތަމްރީން ހޯދާފައިވާ މީހެކެވެ.
ޖަވާޒު ވަނީ، ފިނިފެންމާ މައްސަލާގައި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރާއެކު ހައްޔަރުކޮށްފަ އެވެ. ދެ ބޮޑީގާޑުން މިހާރު ވަނީ ފިނިފެންމާ މައްސަލާގައި 10 އަހަރަށް ޖަލަށްލާފަ އެވެ.
ފިނިފެންމާ މައްސަލާގައި ޖަވާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީއަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް ފަހުން ނިންމާފައިވަނީ އޭނާގެ މައްޗަށް ދައުވާނުކުރުމަށެވެ. ދައުވާނުކުރަން ނިންމީ އޭނާ ތަހުގީގަށް ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މައްސަލާގައި ދައުވާ ލިބޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެކޮޅަށް ހެކިތަކެއް ނެތުމުން އަދީބާ ދެކޮޅަށް ނެރެވޭނެ އެންމެ ވަރުގަދަ ހެއްކަކީ ޖަވާޒު ކަމަށް ވާތީ އެވެ.
ފިނިފެންމާ މައްސަލާގައި އަދީބާ ދެކޮޅަށް ޖަވާޒު ހެކި ބަސް ދީފައިވެ އެވެ. އެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެފައިވަނީ ޖަވާޒުގެ ހެކި ބަހަށް ބަލާފަ އެވެ. މިހާރު އަދީބަށް ވަނީ އެ މައްސަލާގައި 15 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. މައްސަލާގައި ޖަވާޒު ހެކި ބަސް ދީފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުންނެވެ. ހެކި ބަސް ދިނުމަށް ޖަވާޒު އެއްބަސްވީ އެގޮތުގެ މަތިން ކަމަށް މައުލޫމާތު ލިބެ އެވެ.
ޖަވާޒު ތަހުގީގުގައި ދިން ބަޔާން މީޑިއާތަކުގައި ވެސް އާންމުވެފައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން އޭނާ ބުނެފައިވަނީ ސިޔާސީ ސްޓަންޓެއް ކުޅުއްވުމަށް ކަމަށް ބުނެ ޓެސްޓެއްގެ ގޮތުން، ގަލްފް ކްރާފްޓްގެ ލޯންޗެއް ގޮއްވާލުމަށް އަދީބު އެދުމުން އައިއީޑީއެއް ތައްޔާރުކޮށްދިން ކަމަށެވެ. ދެން އަދީބު އެދުނީ އިތުރު ލޯންޗެއް ގޮއްވާލުމަށް އައިއީޑީއެއް ތައްޔާރުކޮށްދިނުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވެދާނެތީ ދެވަނަ އައިއީޑީ ތައްޔާރު ކުރީ ވަރަށް ބާރު ދަށް އެއްޗެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދުގެ ކާރުކޮޅުގައި އައިއީޑީއެއް ހަރުކޮށް މޭޑޭގައި ގޮއްވާލުމަށް އެފަދަ އެއްޗެއް ތައްޔާރުކޮށް ދިނުމުން އަދީބު އެދުނު ކަމަށާއި އޭރުވެސް އައިއީޑީއެއް ތައްޔާރުކޮށްދިން ކަމަށެވެ. އެކަން ކުރަން އުޅުނީ އިމްރާން ހައްޔަރު ކުރަން ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަވާޒު މިދިޔަ މާޗް މަހުގެ ތެރޭގައި މިނިވަންކޮށްފައިވަނީ، ފުލުހުންގެ ހިމާޔަތް ދިނުމަށްފަހު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ނުރައްކަލެއް ކުރިމަތިވެދާނެތީ އޭނާއަށް ބޮޑީގާޑުން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.