އިސްލާމިކް މިނިސްޓްރީ

ދާހިލީ ހަނގުރާމަތަކަށް ދިއުމަކީ ހަރާމް ކަމެއް: ފަތުވާ

ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ ގައުމުތަކަށް ޖިހާދަކުރުމުގެ ނަމުގައި ދިއުމާއި އެކަމުގައި ބައިވެރިވުމަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ކަނޑައަޅައިފި އެވެ.

އެ ފަތުވާގައިވަނީ ކީރިތި ރަސޫލާގެ ސާފު ސަރީހަ ބަސްފުޅުތަކުން އެނގޭ ގޮތުގައި މުސްލިމުންނާއި މުސްލިމުން ހަނގުރާ ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ. ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތައް ކުރިމަތިކުރައްވާފައިވާ ފިތުނައެއްކަމާއި، ފިތުނައިން ސަލާމަތްވުމަށް އަމަލުކުރަންވީ ގޮތް ކީރިތި ރަސޫލާގެ ބަސްފުޅުތަކުގައިވާ ކަމަށްވެސް ފަތުވާގައިވެއެވެ.

"އިސްލާމީ ގައުމުތަކުގައި ހިންގާ މިފަދަ ހަނގުރާމަ ތަކަކީ އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއް" ފަތުވާގައިވެ އެވެ.

ފަތުވާގައި ވަނީ ހަމަނުޖެހުންތަކުގެ ނުރައްކާތެރިކަމުން މުސްލިމުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމާއި އެކަމަށް ކެތްތެރިވުމާއި، ބައިބައިނުވުމާއި އުއްމަތުގެ ވަހުދަތަށްޓަކައި މަސައްކަތް ކުރުމަށްވެސް ވަނީ އެދިފަ އެވެ.

ފަތުވާގައިވަނީ ސޫރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ ހާލަތަށް ބަލާއިރު ޖިހާދު ކުރަން އެ ގައުމުތަކަށް ދިއުމަކީ އައިނިއްޔަ ފަރުޟަކަށް ނުވާ ކަމަށްވެސް ބުނެފަ އެވެ. ނަމަވެސް ކިފާޔަތުގެ ފަރުލެއް ކަމަށް ބަލައިފިނަމަ، ޖިހާދަށް ދިޔުމަށް ވަކި ޝަރުތުތަކެއް ހުންނަ ކަމަށް އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށްވެސް ފަތުވާގައިވެ އެވެ.

ޖިހާދުކުރުމުގެ ނަމުގައި ދާހިލީ ހަނގުރަމާތަކަށް މުސްލިމުން ދިއުމަކީ މުސްލިމު ނޫން ގައުމުތަކުގެ މީހުންގެ ކުރިމަތީގައި އެމީހުންނަށް އިސްލާމްދީނުގެ ކަންކަމާ ބެހުމަށް ހުޅުވައިދޭ ދޮރެއްގެ ގޮތުގައި ސިފަވެގެން ދާނެ ކަމަށްވެސް ފަތުވާގައި ވެއެވެ.

ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ ގައުމުތަކަށް ޖިހާދަކުރުމުގެ ނަމުގައި ދިއުމާއި އެކަމުގައި ބައިވެރިވުމަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ކަނޑައަޅާފައިވާއިރު ސީރިއާގެ ދާހިލީ ހަނގުރާމައިގައި ހަރަކާތްތެރިވި 21 ދިވެއްސަކު މިދިޔަ އަންގާރަ ދުވަހު ރާއްޖެ ގެނެސްފައިވެ އެވެ.