އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ތާރާވީހު ނަމާދު ކުރަން ބޭރުން ގެންނަ ހާފިޒުންގެ ކަންކަން ބަލަން ކޮމިޓީއެއް އެކުލަވާލުމުން ދީނީ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެ ގެންނަ ހާފިޒުންނަކީ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަނެ އެ ހާފިޒުންގެ ކަންކަން ބެލުމަށް ނޭޝަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެކުލަވައިލި ކޮމިޓީގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ގައުމީ ދިފާއި ބާރާއި ފުލުހުންނާއި އިމިގްރޭޝަނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރެވެ.
ރާއްޖެ ގެންނަ ހާފިޒުންނާ ޓެރަރިޒަމްގެ މައްސަލަތަކާ ގުޅުވައި، އެކަނި އެ ފަރާތްތައް ސުކްރީން ކުރން ސަރުކާރުން ނިންމުމުން ބައެއް އިލްމުވެރިން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން ރާއްޖެއަށް މިހާތަނަށް ވަޑައިގެންނެވި އެއްވެސް ހާފިޒަކު ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަމަލެއް ކުރައްވާފައިވާ ކަން ވެސް ފާހަގަ ކުރެވިފައި ނުވާއިރު ސަރުކާރުގެ މަގްސަދާ މެދު ބައެއް އިލްމުވެރިން ވަނީ ސުވާލު އުފައްދާފަ އެވެ.
ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ކަންބޮޑުވުން ފާޅުކޮށް ސަރުކާރުން އެފަދަ ނިންމުމެއް ނިންމަން ޖެހުނު މަގްސަދާއި ސަބަބުތަކާ މެދު ސުވާލު އުފައްދާފައި ވެއެވެ. އެ ގޮތުން ޓެރަރިޒަމްގެ ނުރައްކާ އޮތީ ހަމައެކަނި ހާފިޒުންގެ ފަރާތުންތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ އެކިއެކި ކަންކަމުގައި ގެންނަ އެހެން ފަންނުތަކުގެ މީހުނަކީ ވެސް ރާއްޖޭގެ ގާނޫނުތަށް ބޯލަނބާ ބައެއްތޯ ބަލަން ޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވެ ޝައިހް އަލީ ޒައިދު ވިދާޅުވީ ހާފިޒުން ގެންނަން ނުޖެހޭ ކަމަށް ވަކި މީހަކު ގޮވާލާއިރަށް ސަރުކާރުން ހާފިޒުންނަށް "ޖެއްސުން" ކުރަން ފެށީ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ ގާނޫނުތައް މުގުރާލީ ކިތައް ހާފިޒުންތޯ އޭނާ ސުވާލު ކުރެއްވި އެވެ.
ޒައިދު އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ހާފިޒުން ގެނައުމާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކަށެވެ. އެމަނިކުފާނުގެ މީގެ ކުރިން ވިދާޅުވެފައި ވަނީ އިމާމުވެ ނަމާދު ކުރާނެ ފެންވަރުގެ ދިވެހި އިލްމުވެރިން އެބަ ތިބި ކަމަށާއި އެތައް ފައިސާއެއް ހޭދަކޮށް ބޭރުން ހާފިޒުން ގެންނަން ނުޖެހޭ ކަމަށެވެ. އެއީ ކުރެވޭ ބޭކާރު ހަރަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ސަލަފު ޖަމިއްުޔާގެ އަލީ ރަމީޒް ރީޓްވީޓް ކުރެއްވި އާންމު މީހެއްގެ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖެ ގެންނަ ހާފިޒުންގެ ކަންކަން ކޮމިޓީއަކުން ބެލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެކަމަކު ހަމަ އެ އުސޫލުން ރާއްޖެއަށް ގެންނަ އެހެން ޕްރޮފެޝަންތަކާއި ވަޒީފާތަކުގެ މީހުންގެ ގޮތް ބެލުމަށް ވެސް އެ ކޮމިޓީން ހަވާލުވާން ޖެހޭނެ ކަމަށެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ކަމާބެހޭ މުއައްސަސާތަކުން ރާއްޖެއަށް ގެންނަ ހާފިޒުންގެ ކަންކަން ބަލަން ކޮމިޓީއެއް އެކުލަވާލާފައި ވަނީ ރާއްޖޭގައި ދީނީ ގޮތުން ފިކުރު ހަރުކަށިވެފައި ތިބި މީހުންގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ކަމަށް އެ މުއައްސަސާތަކުން ބުނެފައި ވަނިކޮށެވެ. އެ ގޮތުން މީހުންގެ ފުރާނަ ދުއްވާލަން ތިބޭ ހިސާބަށް ފިކުރު ހަރުކަށި ވެފައި ތިބި ގާތްގަނޑަކަށް 1400 މީހުން ރާއްޖޭގައި އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.