އިމްރާން އަބްދުﷲ

ޓެރަރިޒަމްގެ ބިލް: ދީނީ އިލްމު ފަތުރަން ހުރަހެއް ނެތް: އިމްރާން

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ދީނީ އިލްމު ފެތުރަން އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ މަސައްކަތް ކޮށްގެން އެއްވެސް އިލްމުވެރިއަކަށް ނުހައްގުން ފިޔަވަޅު އެޅުމުގެ ޖާގައެއް ބިލުން ދެވިފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއްގައި ފާސްކުރި އެ ބިލާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވަނީ އެ ބިލުގެ ދަށުން ދީނީ އިލްމު ފެތުރަން މަސައްކަތް ކުރާ އިލްމުވެރިން ޓެރަރިސްޓުންނަށް ހެދުމުގެ ބިރުވެރިކަން އޮތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ބައެއް އާންމުން ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައި ޓެރަރިޒަމްގެ ކުށަކަށް ވަނީ ކޮން ކަންތައްތަކެއް ކަން ވަރަށް ތަފުސީލުކޮށް ބަޔާން ކޮށްދީފައިވާ ކަމަށެވެ. އެހެން ކަމުން އެ ގާނޫނުން ފިޔަވަޅު އެޅެން އޮންނާނީ ޓެރަރިޒަމްގެ އަމަލަކާ ގުޅުން ހުރި ބަޔަކަށް ކަމަށެވެ.

"ޓެރަރިޒަމްގެ ގާނޫނުގައި ވަރަށް ސާފުކޮށް މިހާރު އެ އޮތީ ޓެރަރިޒަމްގެ ކުށަކަށް ވަނީ ކޮން ކަންތައްތަކެއްތޯ ތަފުސީލުކޮށް ބަޔާން ކޮށްދީފައި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޓެރަރިޒަމްގެ ހަގީގީ އަމަލަކާ ގުޅުން ހުރި ބަޔެއްގެ މައްޗަށް ނޫން ބަޔެއްގެ މައްޗަކަށް ފިޔަވަޅު އަޅާކަށް މި ގާނޫނުން ޖާގައެއް ނުދޭ،" އިމްރާން ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނުގައި ދީނީ އިލްމު ފެތުރުމަށް ވެސް އަދި ދީނީ އިލްމު އުނގެނުމަށް ވެސް އެއްވެސް ހުރަހެއް ނެތް
އިމްރާން އަބްދުﷲ | ހޯމް މިނިސްޓަރު

އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އެ އިސްލާހުތަކާއެކު ޓެރަރިޒަމްގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި ދީނީ އިލްމު ފަތުރާށާއި ދީނީ އިލްމު އުނގެނުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ނެތް ކަމަށެވެ.

އޭގެ އިތުރުން ނޫސްވެރިންނާއި އަދި އާންމު ރައްޔިތުން ފާޅު ކުރާ މިނިވަން ހިޔާލަކާ ގުޅިގެން އެ ގާނޫނުގެ ދަށުން ފިޔަވަޅު ނޭޅޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅެން އޮންނާނީ ޓެރަރިޒަމްގެ އަމަލަކަށް ނުވަތަ ޖަމާއަތަކަށް ހިތްވަރުދީ ވާހަކަ ދައްކައިފިނަމަ އެކަންޏެވެ.

ގެނައި އިސްލާހުތައް ކޮންމެހެން މުހިއްމު

އިމްރާން ވިދާޅުވީ ރާއްޖޭގައި މިހާރު ކަންކަން ހުރި ގޮތުން ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިނގާފާނެ ބަޔަކު ތިބި ކަން އެއީ އިންކާރު ކުރެވެން ނެތް ހަގީގަތެއް ކަމަށާއި ރައްޔިތުންގެ ރައްކާތެރި ކަމަށާއި ގައުމުގެ މަސްލަހަތަށް އެކަށީގެންވާ ހައްލެއް ހޯދުމުގައި ކުރިން އޮތް ގާނޫނުން ދަތިތަކެއް އޮތުމުން އެ ދަތި ނައްތާލަން ގާނޫނަށް އިސްލާހު ގެންނަން ކޮންމެހެން ޖެހުނީ ކަމަށެވެ.

ޓެރަރިޒަމްގެ ބިލުން ފުލުހުންނަށް އިތުރު ބާރުތަކެއް ދީފައި އޮތުމުން ގިނަ ބައެއްގެ ކަންބޮޑުވުން އެބަ އޮތެވެ. ބިލުގައިވާ ގޮތުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމާއި މީހުނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އެ ގޮތަށް މީހަކު ހައްޔަރު ކުރެވޭނީ އަދި ބަލައި ފާސް ކުރެވޭނީ ވެސް ސަބް އިންސްޕެކްޓަރުންގެ ފެށިގެން މަތީ ރޭންކްގެ އޮފިސަރެއްގެ ހުއްދަ ނަގައިގެންނެވެ.

އެކަމަކު އިމްރާން ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ އެ ބިލުން އެކަށީގެން ނުވާ ބާރުތަކެއް ފުލުހުންނަށް ދީފައި ނުވެ އެވެ. އަދި އެ ބާރުތަކަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ފުލުހުންނަށް ކޮންމެހެން ބޭނުންވާ މިންވަރުގެ ބާރުތަކެކެވެ.

ޓެރަރިޒަމްގެ ގާނޫނުން ބޭރުން ފުލުހުންގެ ތެރެއިން ބަޔަކު އަމަލު ކޮށްފިނަމަ އެ ބަޔަކު ޖަވާބުދާރީ ކުރެވޭނެ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅު ވެސް އަޅާމެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަދަ މުއައްސަސާތަކަށް ފުލުހުން ޖަވާބުދާރީ ކުރެވޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ފުލުހުން އެ ގޮތަކަށް އަމަލެއް ވެސް ނުކުރާނެ. ކޮށްފިނަމަ ބެލޭނެ މުއައްސަސާތަައް އެބަ ހުރި. ވަރަށް ބޮޑަށް އެއް މުއައްސަސާއާއި އަނެއް މުއައްސަސާ ފާރަވެރިވާ ގޮތަށް މަސައްކަތް ކުރެވިގެން މި ކަންކަން ރަނގަޅު ކުރެވިގެން ދާނެ. އެ މަގަށް ދިއުމަށް މި ސަރުކާރުން ގާނޫނުތައް އިސްލާހު ކުރަމުން މި ދަނީ،" އިމްރާން ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ އަވަށްޓެރި ސްރީލަންކާގައި ދިން ފަދަ ޓެރަރިޒަމްގެ ހަމަލާތަކެއް ރާއްޖޭގައި ދިނުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށާއި އަބަދުވެސް އެފަދަ ހަމަލާއަކަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށެވެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސްގެން އެ ކަމަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެނަށް ދުރާލާ ފިޔަވަޅު އެޅޭނީ ވެސް ޓެރަރިޒަމަށް ވާގިވެރިވާ މީހުނާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ މީހުނަށް ގާނޫނުގެ ތެރެއިން ފިޔަވަޅުތައް ހޯދޭނެ ގޮތެއް އޮވެގެން،" ހަމީދު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް މި ވަގުތުން ވަގުތަށް ވެސް އިސްލާހުތަކެއް ގެނައުމަށް ނިންމީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިން އޮތް ގާނޫނުގައި ހުރަސްތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އިސްލާހުތައް ގެނައީ އެއްވެސް ހާލެއްގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކޮށްގެން ޓެރަރިޒަމާ ގުޅުން ނެތް ބަޔަކަށް ފިޔަވަޅު އަޅަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ވެސް ސޯޝަލް މީޑިއާގައި ވަކިވަކި މީހުންގެ ފޮޓޯ ޖަހައިގެން އަދި ނުޖަހާ ވިޔަސް އިންޒާރު ދިނުން ފަދަ ކަންކަން އެބަ ފެނޭ. މި ފަރާތްތަކާ މެދު ފުލުހުން އެންގޭޖްވެ ބިރު ދެއްކުމާއި ނަފުރަތު ފަތުރަން އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ މެކޭނިޒަމެއް ގެންނަން ވަގުތުން ވަގުތަށް އެބަ ޖެހޭ." ހަމީދު ވިދާޅުވި އެވެ.