އިސްލާމިކް މިނިސްޓްރީ

ހަރުކަށި ފިކުރާ ދެކޮޅަށް އިލްމުވެރިން ތެދުވަން މިނިސްޓްރީން ގޮވާލައިފި

އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމާއި ޖިނާއީ ކުށްތަކަށް ހިތްވަރު ދިނުމާއި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ އެފަދަ އަމަލުތަކާ ދެކޮޅަށް ރާއްޖޭގައި ތިބި ދީނީ އިލްމުވެރިން ތެދުވާން އިސްލާމިކް މިނިސްޓްރީން ގޮވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދީނީ ނަސޭހަތް ދިނުމާއި އެ ނޫން ވެސް ދީނީ ޝިއާރު ފާޅު ކުރުމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އިސްކަން ދިނުމަށް ރައްޔިތުންނަށާއި ދީނީ އިލްމުވެރިންނަށް އެ މިނިސްޓްރީން އިލްތިމާސް ކުރާ ކަމަށެވެ.

އެ ގޮތުން ދީނީ ގޮތުން ބައިބައިވުމާއި ނުތަނަވަސްކަން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގ އަމަލުތައް ހިންގުމާއި އެ ނޫން ވެސް އެފަދަ ޖިނާއީ ކުށުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަމުން އެއްކިބާވެ ތިބުމަށް ވެސް އާންމު ރައްޔިތުންނަށާއި އިލްމުވެރިންނަށް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެ އެވެ.

އިސްލާމް ދީނުގެ ސައްހަ އަގީދާ އޮޅުން ފިލުވުމުގައި އިންޓަނެޓާއި އެ ނޫން ވެސް އެފަދަ ހަގީގަތް ނޭނގޭ ވަސީލަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި އިތުބާރު ހިފޭ ދީނީ އިލްމުވެރިންގެ ކިބައިން ދީނުގެ ކަންކަން އޮޅުން ފިލުވަން ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެ ދީނުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދޭން އެންމެހާ އިލްމުވެރިންނަށް މިނިސްޓްރީން ވަނީ އެ ބަޔާނުގައި ގޮވާލައިފަ އެވެ.

"އިސްލާމް ދީނުގެ ސައްހަ އަގީދާއާ މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމާއި ދީނީ އިލްމުވެރިން ކުރައްވާ އެފަދަ މަސައްކަތްޕުޅަށް މި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމުގައި ވެސް ދެންނެވީމެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މުޖުތަމައުގެ އާންމު މަސްލަހަތަށް ހެދިފައި ހުންނަ ގާނޫނުތައް ބަލައިނުގަތުމާއި ޖަމާއަތުން ވަކިވެ އެކަހެރިވުމާއި، އާންމު އަސާސީ ތައުލީމާއި ސިއްހީ ވަސީލަތްތަކުން ކުޑަކުދިން މަހުރޫމު ކުރުމާއި، ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކައިވެނީގެ ނަމުގައި ގުޅުން ގާއިމު ކުރުމާއި، މުސްލިމުން ކާފިރު ކުރުމާއި، އަނެކުންގެ މުދަލާއި ލޭ ހަލާ ކުރުން ފަދަ ހަރުކަށި ކަމަކީ ދީނުގެ ނަމުގައި އެއްވެސް ހާލަތެއްގައި ފަތުރައިގެން ވާނެ ފިކުރެއް ނޫނެވެ.

އެފަދަ ކަންކަމުގެ ސަބަބުން އިސްލާމް ދީނުގެ ސުލްހަވެރި ތަސައްވުރު ކިލަނބުވެ، ދީނާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދި ދީނުގެ ހަގީގީ މަހްފޫމް އޮޅިގެން ދިއުމަށް އެއްވެސް ދިވެހި ރައްޔިތަކު ފުރުސަތު ދީގެން ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ އަމަލުތަކާއި ހަރަކާތްތަކުގައި އެއްވެސް މީހަކު ބައިވެރިނުވާން އިސްލާމް މިނިސްޓްރީން އިލްތިމާށްފައިވެ އެވެ.