ޓެރަރިޒަމް

ދިވެހިން ހަނގުރާމައަށްދާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ފަށައިފި

ބޭރުގެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވަމުންދާ ސަބަބުތައް ދެނެގަތުމަށްޓަކައި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ދިރާސާއެއް ކުރަން ފަށައިފިއެވެ.

މި ދިރާސާ ހަދަނީ ރާއްޖޭގައި ފިކުރީގޮތުން ހައްދު ފަހަނައަޅައިދިއުމާއި، ދީނީގޮތުން ހިޔާލު ތަފާތުވާ ސަބަބުތަކާއި، ބޭރުގެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވަމުންދާ ސަބަބުތައް ދެނެގަތުމަށްޓަކައެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނީ، މި ދިރާސާ ހެދުމުގައި، ރާއްޖޭގައި މިހާރު ތިއްބެވި ދީނީ ބައެއް އިލްމުވެރިންނާއި، ޓެކްނޮކްރެޓުންނާއި، މަޝްވަރާކޮށް މައުލޫމާތު އެއްކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހިނގާފައިވާ ބައެއް ހާދިސާތަކާއި އެ ހާދިސާތައް ހިނގާފައިވާ ގޮތާއި، ބައިނަލްއަގުވާމީ މަޝްރަހުގައި މިފަދަ ކަންކަމާބެހޭގޮތުން ހަދާފައިވާ ދިރާސާތައްވެސް މުރާޖައާކުރެވޭނެ ކަމަށެވެ.

މި ދިރާސާގެ ސަބަބުން، ރާއްޖޭގައި ފިކުރީގޮތުން ހައްދު ފަހަނައަޅައިދިއުމާއި، ދީނީގޮތުން ހިޔާލު ތަފާތުވާ ސަބަބުތަކާއި، ބޭރުގެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވަމުންދާ ސަބަބުތައް ދެނެގަތުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެ ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ކުރަމުންގެންދާ މި ދިރާސާގެ ތަފްސީލް ރިޕޯޓް އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި އާންމު ކުރުމުގެ މަސައްކަތް އެ ސެންޓަރުން ދަނީ ކުރަމުންނެވެ.