ރާއްޖެ ކުޅިވަރު

ކްރިކެޓް ބޯޑްގެ އިންތިހާބު ފަސްކުރަން ސްޕޯޓްސް ކޮމިޝަނަރު އަންގަވައިފި

މާދަމާ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންތިހާބު ފަސް ކުރަން ކޮމިޝަނާ އޮފް ސްޕޮޓްސް އަހްމަދު ނަޝިދު (ޑޭވް) އަންގަވައިފިއެވެ.

އިންތިހާބު ފަސް ކުރި ސަބަބާ ބެހޭގޮތުން އަވަސް އިން ކުރި ސުވާލަކަށް ޖަބާވު ދެއްވަމުން ޑޭވް ވިދާޅުވީ އިންތިހާބު ފަސް ކުރަން އަންގާފައިވާނީ އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން، އެއްމައްސަލަ ބެލުމަށް ކަމަށެވެ.

"ކްރިކެޓް ބޯޑުގެ ގަވާއިދާ ހިލާފަށް އިންތިހާބާ ގުޅޭ ބައެއް ކަންކަން ހިންގަމުންދާ ކަމަށް ލިބުނު ދެ ސިޓީއަކާ ގުޅިގެން، އެމައްސަލަ ބެލުމަށް، އިންތިހާބު ފަސް ކުރުމަށް އެދިފައި އަޅުގަނޑު ވާނީ،" ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ އެމައްސަލަ ބަލާ ނިމުމުން އިންތިހާބު ބޭއްވުމުގެ ހުއްދަ ދޭނެ ކަމަށެވެ.

އެއީ ކޮން މައްސަލައެއްތޯ ސުވާލުކުރުމުން ޑޭވް ވިދާޅުވީ އިޖުރާއީ މައްސަލައެއް ކަމަށާއި ސާފުކޮށް ބުނަން އެނގޭނީ މައްސަލަ ބަލައި ނިމުމުން ކަމަށެވެ.