އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގު އުމަރު ރިޝްވަތު ހިފި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ހުކުމް ކޮށްފި އެވެ.
ފާރޫގުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ 2010 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުރި އިރު އެ ކުންފުންޏަށް ހަނޑޫ ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކުންފުންޏެއްކަމަށްވާ ރޯޔަލް އެޖެންސީގެ ވެރިފަރާތްކަމަށްވާ މަރިމުތު އުދަޔަސުންދަރުގެ ކިބައިން 100,000 ޑޮލަރު ދިނުމަށް އޭނާ ޑިމާންޑްކުރި ކަމަށެވެ.
ދައުވާގައިވާ ގޮތުން ފާރޫގު އެގޮތަށް ޑިމާންޑުކުރުމުން އޭނާގެ ނަމުގައި ހޮންކޮން އެންޑް ޝަންގްހާއި ބޭންކިން ކޯޕަރޭޝަން މާލެ ބްރާންޗްގައި ހުޅުވާފައިވާ އެކައުންޓަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހު ހެޓަން ނެޝަނަލް ބޭންކް ޕަބްލިކް ލިމިޓެޑްގައި ރޯޔަލް އެޖެންސީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ޓެލެގްރާފް ޓްރާންސްފާ އެއް މެދުވެރިކޮށް 19،000 ޑޮލަރު ފޮނުވާފައި ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ނިންމީ މި ފައިސާ ފާރޫގުގެ އެކައުންޓަށް ޖަމާކޮށްފައި ވިޔަސް އެ ފައިސާ އަކީ ރިޝްވަތުގެ ގޮތުގައި ފޮނުވާފައިވާ ފައިސާއެއް ކަމަށް ޝަރީއަތަށް ސާބިތު ނުވާތީ އެވެ. ފާރޫގުގެ މައްޗަށް އެ ދައުވާ ސާބިތުވި ނަމަ ގިނަވެގެން ހަތް އަހަރަށް ޖަލަށްލުމަށް، އަރުވާލުމަށް ނުވަތަ ގޭގައި ބަންދުކުރުމުގެ ހުކުމެއް އަންނާނެ އެވެ.
މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރިޝްވަތުގެ މިފަދަ މައްސަލައެއް ތަހުގީގުކޮށް ޕީޖީ އަށް ފޮނުވި ފުރަތަމަ ފަހަރެވެ.