ރާއްޖެ ކުޅިވަރު

ޕްރެކްޓިހުގައި ކުރި ކަންތައްތައް މެޗުގައި ވެސް ކުރެވިއްޖެ: ޓީސީ

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ބީޖީއާ ދެކޮޅަށް ޢަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން މޮޅުވީ ޕްރެކްޓިހުގައި ޓީސީގެ ކުޅުންތެރިން ފަރިތަކުރި ކަންތައްތައް މެޗުގައި ކުރުމުން ކަމަށް އެ ޓީމުން ބުނެފި އެވެ.

ތިން ލަނޑު ޖަހައި ސެންޓޭ ހެޓްރިކް ހެދިއިރު، ޓީސީގެ އަނެއް ލަނޑު ކާމިޔާބު ކުރީ ޢަލީ ނާފިއު (ކަޅޭ) އެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި ސެންޓޭ ހެޓްރިކް ހެދީ ބީޖީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ބީޖީގެ ގޯލްގެ ކަނަށް ވައްދާލައިގެންނެވެ.

މެޗްގައި ބީޖީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ޑެނިއަލް ފިލޮމޮންއެވެ.

"ކޯޗް ނިޒާންބެ ރޭވިގޮތަށް 100 ޕަސަންޓް މަސައްކަތް ކުރި" ޓީމުގެ އެސިސްޓެންޓް ކޯޗު މެޗަށް ފަހު ބުންޏެވެ.

ބީޖީގެ ކޯޗް މުހއްމަދު ޝާޒްލީ ބުނީ މިހާތަނަށް ކުޅުނު ހަތަރު މެޗްގެ ތެރެއިން ބީޖީގެ ފަރާތުން އެންމެ ދަށްކޮށް ފެނިގެން ދިޔައީ މިރޭ ގެ މެޗް ކަމަށެވެ.

"މިއީ މުޅިން ދަށްކޮށް ދިޔަ މެޗެއް، ބައެއް ފަހަރު ވަރަށް ރަނގަޅަށް ކުޅެލާފަ. އަނެއްކާވެސް ވަރަށް ދަށްކޮދިޔަ ވަގުތުތައް ދިޔަ" ޝާޒް ބުންޏެވެ.

އޭނާ ބުނީ ލީގު މެދުކަނޑާލީ ބީޖީ ރަނގަޅޫ ހާލަތެއްގައި އޮއްވާ ކަމަށާއި ނަމަވެސް ނުކުޅެ ގިނަ ދުވަސްތަކެއް ދިއުމުން ޓީމުގެ ފޯމު ގޯސްވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ބަލިވުމުން ދައްކާ އުޒުރެއްނޫން ކަމަށާއި ދެ ޓީމުގެ އެންމެ ބޮޑު ތަފާތަކީ ޓީސީގެ ފޯވަޑް އަލީ ފާސީރު (ސެންޓޭ) ފޯމުގައި ހުރުން ކަމަށެވެ.

ލީގުގައި މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާ ވާދަވެރި ވެލެންސީއާއެވެ.