ބޭރު ކުޅިވަރު

ކުޑަކުޑަ އައިސްލޭންޑް، ޕޯޗުގަލް ލަދުގަންނަވާލައިފި

ޔޫރޯގައި ކުޅޭ އެންމެ ކުޑަގައުމު ކަމަށްވާ އައިސްލޭންޑުން 1-1އިން މެޗު އެއްވަރުކޮށް މަޝްހޫރު ޕޯޗުގަލް ލަދުގަންނުވާލައިފި އެވެ.

މުބާރާތުގައި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ ލަނޑު ޖެހީ 31 ވަނަ މިނިޓްގައި ލުއިސް ނާނި އެވެ. މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކެޕްޓަން ކަމުގެ ދަށުން ކުޅުނު ޕޯޗުގަލް އަށް މެޗުގައި އެމީހުންގެ އަސްލު ފެންވަރު ނުދެއްކުނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވީ ނަމަވެސް ރޮނާލްޑޯ އަށް ވެސް އައިސްލޭންޑްގެ ޑިފެންސް ފޫއަޅޫވާލެވޭ ގޮތެއްނުވި އެވެ.

ރާއްޖެ އަށްވުރެ ވެސް އާބާދީ މަދު ގައުމު، އަދި ޔޫރޯ ފަދަ ބޮޑު މުބާރާތެއްގައި މުޅިން އަލަށް ކުޅުނު އައިސްލޭންޑްގެ ލަނޑު ޖެހީ 50 ވަނަ މިނިޓްގައި ބާނެސަން އެވެ.

މި ދެ ޓީމު އެއްވަރުވިއިރު މި ގްރޫޕުގައި ހިމެނޭ ހަންގޭރީ އާއި އޮސްޓްރިއާ މިރޭ ކުޅުނު މެޗުގައި ހަންގޭރީ ވެސް ވަނީ އޮސްޓްރިއާ ސިއްސުވާލައި 2-0އިން މެޗު ކާމިޔާބުކޮށްފަ އެވެ.

މި މެޗާއެކު މުބާރާތުގައި ވާދަކުރާ 24 ޓީމު ވެސް އެއް މެޗު ކުޅެވަނީ ނިމިފަ އެވެ.