ރާއްޖެ ކުޅިވަރު

ރާއްޖޭގެ ފުރަތަމަ ރެޑްބުލް އެތުލީޓަކަށް ޒުވާން ރާޅާއެޅުންތެރިޔާ އައްމަޑޭ

ކުޅިވަރުގެ ނަން މަޝްހޫރު އެތުލީޓުންތަކެއް ސްޕޮންސާކޮށްފައިވާ މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލް އިން ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ އަހުމަދު އަގީލް (އައްމަޑޭ) ސްޕޮންސާކޮށްފި އެވެ. މިއީ ދިވެހި އެތުލީޓަކަށް ރެޑްބުލްގެ ސްޕޮންސާޝިޕް ލިބުނު ފުރަތަމަ ފަހަރެވެ.

ކ.ތުލުސްދޫ އަށް އުފަން އައްމަޑޭ އަކީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްްއޭ)ގެ ރޭންކިންގައި މި ވަގުތު ރާއްޖޭގެ ދެވަނަ ރާޅާއެޅުންތެރިޔާ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު އޮތް ރެޑްބުލް ލޯކަލް ހީރޯ ޓުއާ ކާމިޔާބުކުރި އައްމަޑޭ ބުނީ ރެޑްބުލްގެ އެތުލީޓަކަށް ވުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބުނު ރީތި ނަމެއް ކަމަށެވެ.

"މިއީ ހަމައެކަނި އަޅުގަނޑަށް ލިބުނު ކާމިޔާބެއް ނޫން. މިއީ ރާއްޖޭގެ ކުޅިވަރަށް ލިބުނު ރީތި ނަމަކާއި ކާމިޔާބެއް،" އައްމަޑޭ ،24، ބުންޏެވެ. "ސާފިންގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް މިއީ. މި ފުރުސަތުގެ ބޭނުން ވީހާ ވެސް ރަނގަޅަކަށް ހިފާނަން."

ރެޑްބުލްގެ އެތުލީޓަކަށްވުމާއެކު، ރެޑްުބުލް އިން އައްމަޑޭ އަށް ޓްރެއިނިން ފުރުސަތުތަކާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭނެ އެވެ. މީގެ އިތުރުން އައްމަޑޭ އަށް ސާފިން ބޯޑާއި އެހެނިހެން ސާމާނު ވެސް ރެޑްބުލް އިން ފޯރުކޮށްދޭނެ އެވެ.

އައްމަޑޭ އަކީ ސާކް ސަރަހައްދުގައި ރެޑްބުލްގެ އެތުލީޓަކަށް ހަމަޖެއްސި ފުރަތަމަ ރާޅާއެޅުންތެރިޔާ އެވެ.

ރެޑްބުލް އިން ވަނީ ގިނަ ކުޅިވަރުތަކެއްގެ ނަން މަޝްހޫރު އެތުލީޓުން ސްޕޮންސާކޮށްފަ އެވެ. މި ވަގުުތު އެންމެ މަޝްހޫރު ރެޑްބުލް އެތުލީޓެއްގެ ގޮތުގައި ހުރީ ބްރެޒިލްގެ ގައުމީ ޓީމާއި ބާސެލޯނާގެ ފޯވަޑް ނޭމާ އެވެ.