މުހައްމަދު ނާޒިމް

"ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ އާސިފު ކިޔާ ފުލުހެއް"

  • ފިސްތޯލަ ވެއްދީ އަންބޮނޑިއަށް ޖަހައިގެން
  • މުހުތާޒުގެ ހެކިބަސް ނަގަން އެދުނު
  • އަބްދުﷲ ގާޒީ ހާޒިރު ކުރުމަށް އެދުނު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދ ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ އާސިފު ކިޔާ ފުލުހެއް ކަމަށާއި އޭނާ އެ ފިސްތޯލަ ވައްދާފައި ވަނީ އަންބޮނޑިއަށްޖަހައިގެން ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު، އިސްތިއުނާފު ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

މިއަދު ސުޕްރީމް ކޯޓްގައި ފެށި ޝަރީއަތުގައި ނާޒިމް، ހެކިންތަކެއްގެ ހެކި ބަސް ނަގައިދިނުމަށް ސުޕްރީމް ކޯޓުގައި އެދެފި އެވެ.

ކްރިމިނަލް ކޯޓުން ނާޒިމް 11 އަހަރަށް ޖަލަށްލުމަށްކުރި ހުކުމާއި ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށް ކުރި ހުކުމް ބާތިލުކޮށް ދިނުމަށް އެދި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނާޒިމްގެ ވަނީ ދަށު ކޯޓުން ނަގައިނުދިން ބައެއް ހެކިންގެ ހެކި ބަސް ނަގައިދިނުމަށް އެދިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ނާޒިމް އެދުނީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހެކި ބަސް ނަގައިދިނުމަށެވެ. އުމަރުގެ ހެކި ބަސް ނަގައިދިނުމަށް އެދުނީ، ކޮންފަރެންސް ކޯލެއްގައި ނާޒިމް "ހޭއަރުވާލާނެ" ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވިކަން ސާބިތު ކުރުމަށެވެ.

އުމަރުގެ އިތުރުން އަދީބުގެ ހެކި ބަސް ނެގުމަށް ވެސް ނާޒިމް ވަނީ އެދިފަ އެވެ. އަދީބުގެ ހެކި ބަސް ނަގައިދިނުމަށް ނާޒިމް އެދުނީ، ނާޒިމްގެ ގޭގައި ހަތިޔާރު ހުރިކަން އަދީބަށް ފުލުހުން އެ ގެ ބަލާ ފާސްކުރުމުގެ ކުރިން އެނގިލެއްވީ ކިހިނެއްތޯ ސާފުކުރުމަށެވެ.

ވަކީލް ސުއޫދު ވިދާޅުވީ، ނާޒިމްގެ ގެއިން ހަތިޔާރު ފެނިގެން ނާޒިމް ހައްޔަރުކުރާނެކަން އަދީބު ނޫސްވެރިންނަށް އަންގައި، އެ ގޭ ދޮށަށް ނޫސްވެރިން ފޮނުވިކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ، ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ރޭ، ދާހިތްލާ ފޯވެފައި ހުންނަވައިގެން ކުރީގެ ސީޕީ ހުސެއިން ވަހީދު، އޭރުގެ ޕީޖީ މުހުތާޒު މުހުސިންގެ އަރިހަށް ވަޑައިގެން ނާޒިމް އޭނާ މަރާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ހުސެއިން ވަހީދަށް ދީފައިވަނީ އަދީބު ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ، މުހުތާޒާއި ހުސައިން ވަހީދު އެރޭ ކާރަކަށް އަރައިގެން އަދީބު ކައިރިއަށް ވަޑައިގެން އެ ތިން ބޭފުޅުން ނާޒިމް ހައްޔަރުކުރި ވަގުތު އެ ގޭ މަގުގައި ކާރުގައި މަޑުކޮށްގެން ތިއްބެވި ކަމަށެވެ.

މިކަންކަން ސާބިތުކުރަން މުހުތާޒާއި ހުސެއިން ވަހީދުގެ ހެކި ބަސް ނަގައިދިނުމަށް ވެސް ނާޒިމްގެ ފަރާތުން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ނާޒިމްގެ ގެ ބަލާފާސްކުރުމަށް ނެރުނު ކޯޓު އަމުރަކީ ދޮގު މައުލޫމާތުތަކެއް ގާޒީއަށް ދީގެން ފުލުހުން ނެރެފައިވާ ކޯޓު އަމުރެއްކަން ސާބިތުކުރުމަށް އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ހެކި ބަސް ނަގައިދިނުމަށް ވެސް ނާޒިމްގެ ފަރާތުން ވަނީ އެދިފަ އެވެ.

މި ބޭފުޅުންގެ ހެކި ބަސް ނަގައިދިނުމަށް ނާޒިމްގެ ފަރާތުން އެދިފައިވާއިރު ނާޒިމްގެ ގެއަށް ފިސްތޯލަ އޮތް ދަބަސް ވެއްދި ކަމަށް ނާޒިމްގެ ފަރާތުން ބުނާ ފުލުސް މީހާ ހާޒިރުކޮށް ހެކި ބަސް ނެގުމަށް ވެސް ވަނީ އެދިފަ އެވެ. އެ ފުލުސް މީހާއަކީ އާސިފު ކިޔާ މީހެކެވެ. ސުއޫދު ވިދާޅުވީ، އޭނާގެ ހެކި ބަސް ނެގުމަށް އެދެނީ، އެ ދަބަހަކީ ނާޒިމްގެ ގޭގެ ކަބަޑުގައި އޮތް ދަބަހެއް ނޫންކަމާއި އެ ދަބަހަކީ އާސިފް އަންބޮނޑިއަށް ލައިގެން ވެއްދި އެއްޗެއްކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ އަށް ނުކުތާއެއް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވާއިރު ހަތިޔާރު ހުރީ ނާޒިމްގެ ބާރުގައިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި އެކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ، އެހެން މީހަކާ އެ ހަތިޔާރުތަކާ ގުޅުމެެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާއިރު ހަތިޔާރުން ފެނުނު ފިންގަޕްރިންޓަކީ ނާޒިމާއި ނާޒިމްގެ އަންހެނުން އަފާފުގެ ފިންގަޕްރިންޓް ނޫން ކަމަށެވެ. އެހެންކަމުން އޭގެން ފެނުނު ފިންގަޕްރިންޓަކީ ކާކުގެ ފިންގަޕްރިންޓެއްތޯ ބަލަންޖެހޭ ކަމަށެވެ.

ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި އެ ތުހުމަތުކުރެވެނީ އަދީބާއި ހަސަން ވަހީދަށް ކަމަށެވެ. އޭރު އެ ދެ ބޭފުޅުން ތިއްބެވި މަގާމަށް ބަލާއިރު އެކަމަކީ ފުލުހުން ބޭނުންކޮށްގެން އެ ދެ ބޭފުޅުންނަށް ކުރައްވަން ފަސޭހަ ކަމެއް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ނާޒިމްގެ ސިޔާސީ ހަޔާތް ދުއްވާލުމަށް އަދީބާއި ވަހީދު ގުޅިގެން މަސައްކަތް ކުރައްވާފައިވާކަމުގެ ހެކި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމްގެ ގެއިން ހަތިޔާރު ފެނުމުގެ ދެ ދުވަހުގެ ކުރިން އެލްޖީއޭގެ ރައީސްކަމުން ނާޒިމް ވަކިކުރަން އަދީބުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރެއްވި ކަމަށާއި އެމެރިކާގެ ނަންބަރަކާއި މެލޭޝިއާގެ ނަންބަރަކުން ނާޒިމަށް ގުޅާ އުނދަގޫކޮށް، ވަރަށް ހަޑިކޮށް މެސެޖްތަކެއް ވެސް ކޮށްފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، އަދީބާއި ނާޒިމްގެ ދެމެދު އޮތް ސިޔާސީ ވާދަވެރިކަން އެންމެ ރަނގަޅަށް އެނގިލައްވާނެ ބޭފުޅަކީ ހޯމް މިނިސްޓަރު އުމަރު ކަމަށެވެ.

ހައިކޯޓުގައި ހުލާސާ ބަޔާން އިއްވުމަށްފަހު ދައުލަތުގެ ވަކީލް، "މި މައްސަލަ އިންސާފުވެރިކަމާއެކު ބަލާ ނިންމަވާދެއްވުމަށް" އެދޭ ކަމަށް ބުނުމުން، ނާޒިމް ކުށެއް ނުކުރާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ދައުލަތުން އެގޮތަށް ގަބޫލުކުރުމުން ހުކުމުގެ ސައްހަކަން ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.