ހަބަރު

ޖަލު އަދަބުން ސަލާމަތް ވުމަށް އިންޑިއާގެ ހިމާޔަތާއި މަދަދަށް އެދެން: ނަޝީދު

Feb 12, 2015
8

މި ސަރުކާރުން އެމަނިކުފާނު ވަރަށް އަވަހަށް ހައްޔަރުކޮށް ޖަލަށް ލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުން ސަލާމަތް ވަޑައިގަތުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ޒުވާން އުމުރުގެ ބޮޑު ބައެއް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވީ ޖަލުގައި ކަމަށް ވާތީ، ދެން އަލުން ޖަލަށް ވަޑައިގަންނަވަން ބޭނުންފުޅެއް ނޫނެވެ. ޖަލަށް ލައިފި ނަމަ އެމަނިކުފާނަށް އިންޑިއާގެ ހިމާޔަތް ދެއްވުމަށް އާދޭހާ އެކު އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޮދީގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ރައްޔިތެއްގެ ރައްކާތެރި ކަމާ މެދު މިހާރު ޔަގީންކަމެއް ނެތެވެ. 

"ރާއްޖޭގެ ޑިމޮކްރަސީ ހަލާކުވެ، ހުދުމުހުތާރު ކަމަށް ދިޔުމަށް އިންޑިއާއިން ދޫކޮށެއް ނުލާނެ. އެއީ އިންޑިއާ އަށާއި މި ސަރަހައްދުގެ ރައްކަލަކަށް ވެސް އޮތް މަގަކީ... އަޅުގަނޑު އެދެނީ އަޅުގަނޑު ޖަލަށް ދާން ޖެހިއްޖެ ނަމަ އިންޑިއާއިން ހިމާޔަތް ދީ ގެންދިޔުން. ބެންގަލޫރުގައި ދިރިއުޅުމަށް އަޅުގަނޑު ގަޔާވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިގޮތަށް އެދިވަޑައިގެންފައި ވާއިރު މީގެ ކުރިން ނަޝީދު ކޯޓަށް ހާޒިރުކުރަން އުޅުމުން ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ތެރެއަށް ވަދެ ހިމާޔަތް ހޯދައިފަ އެވެ. އިންޑިއާ އިން އެފަހަރު ވަނީ ނަޝީދު އެތަނުން ނެރުމަށް އިންކާރު ކޮށްފަ އެވެ. 

އިންޑިއާއަކީ ގާތް ރަހުމަތްތެރިއެއްކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، މިހާރު ވެސް އެކި ކަންކަމުގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއާ އެކު މަޝްވަރާ ކުރައްވަ އެވެ. އަދި ދާދި ފަހުން ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ އަޖީވް ދޯވާލްއާ ވެސް ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި އޮންނަން ޖެހޭނީ އިންޑިއާގެ ނުފޫޒު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިންޑިއާ ނުރުހޭ ގޮތަށް ސަރަހައްދުން ބޭރުގެ ފަރާތްތަކުން އިންޑިއާ ކަނޑަށް ނުފޫޒު ފޯރުވުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.އަދި ވިދާޅުވީ މި ސަރަހައްދުގެ ސުލްހަޔަށް ޓަކައި އިންޑިއާ މަސްލަހަތުތައް ހިމާޔަތްވެފައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

"މޯދީއާ އަވަސް މުސްތަގުބަލެއްގައި ބައްދަލުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މޯދީއަކީ މި ސަރަހައްދުގެ ލާބަޔަށް ހުންނެވި ލީޑަރެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވައި ދައުލަތުގެ ހުރިހާ ބާރުތަކެއް ރައީސް ޔާމީންގެ މުށުތެރެއަށް ލާފާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޯޓުގެ ތެރެއިން އެމަނިކުފާނު ޖަލަށް ނުލެވުނު ނަމަ، އެހެން ކޮންމެވެސް ގޮތަކުން ވެސް ޖަލަށް ލާނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.