ވާދަ ކުރުމަކާއި ނުލައި ރައީސް އަބްދުﷲ ޔާމީނަށް 2018 އިގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބެންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫޒާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕީޕީގެ ރިޔާސީ ޓިކެޓްގެ މައްސަލާގައި ތަފާތު ހިޔާލުތަކެއް ފެންމަތިވެ ބަހުސް އުފެދިފައި ވަނިކޮށް މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
ޒަމީރު ވިދާޅުވީ ވާދަ ކުރުމަކާއި ނުލައި ރައީސް ޔާމީނަށް 2018 އިގެ ޓިކެޓް ލިބެންޖެހެނީ ޕާޓީގެ ބަދަހި ކަމާއި އެކުވެރި ކަމުގެ މުހިންމު ކަމަށް ޓަކައި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ޕާޓީގެ އެންމެ ފަހުގެ ރިޔާސީ ޕްރައިމަރީން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.
ޒަމީރު މިހެން ވިދާޅުވި އިރު ރައީސް ޔާމިން ނޫން އެހެން ބޭފުޅަކު 2018 އިގެ ރިޔާސީ ޕްރައިމަރީގައި ޕީޕީއެމް ފަރާތުން ވާދަ ކުރަން ޕާޓީގެ ތެރޭގައި ނެތް ކަމަށާއި އެމަނިކުފާނަށް މިހާރުން މިހާރަށް ރިޔާސީ ޓިކެޓު ދޭން ޖެހޭކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ވެސް ވަނީ ވިދާޅުވެފައެވެ.
ނިހާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިންއަށް ދިނުމާ މެދު ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ދެމެދު ދެބަސްވުންތަކެއް އުޅޭކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އެ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ބަޔަކު ފަތުރައިގެން އުޅޭ ވާހަކަތަކެއް ކަމަށެވެ.
ނިހާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމެރީއެއް ނުބާއްވާ ރައީސް ޔާމިން އަށް ދިނުމަށް ކައުންސިލް މެންބަރުން ޕެޓިޝަނެއް ހުށަހެޅުއްވި ކަން އަޑުއަހާފައިވާ ކަމަށާއި އެފަދަ ޕެޓިޝަނެއް އުޅޭ ނަމަ އެމަނިކުފާނު އެ ޕެޓިޝަނަށް 100 ޕަސެންޓް ތާއީދު ކުރައްވާ ކަމަށެވެ. އަދި ޕްރައިމަރީ އަކާ ނުލާ ރައީސް ޔާމީން އަށް 2018 ގެ ޓިކެޓު ހައްގު ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ރައީސް ޔާމީންއަށް ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓް ދޭން ޖެހެ އެވެ.
ޕްރައިމަރީ ނުބާއްވާ ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓް ދިނުމަށް، ކައުންސިލްގައި ތިބޭ 33 މެންބަރުންގެ ތެެރެއިން ހަ މެންބަރަކު ފިޔަވާ ހުރިހާ ބޭފުޅުން ސޮއި ކުރައްވައި ރައީސް މައުމޫންއަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް މައުމޫން ގެންދަވަނީ ޑިމޮކްރަސީއާ ހިލާފުކަމެއް ކަމަށް ވިދާޅުވެ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.