ހަބަރު

ޓެރަރިޒަމާ ބެހޭ ސިޔާސަތު އެކުލަވާލައިފި، ދުލެއްނެތި ޓެރަރިޒަމް ހުއްޓުވާނެ!

  • ހައްދުފަހަނައަޅާ މީހުން ރިހިބިލިޓޭޓް ކުރުމަށް ހާއްސަ އިސްކަމެއް
  • ޓެރަރިސްޓް ހަމަލާއަކަށް ދުރާލައި ތައްޔާރުވުމަށް ހާއްސައިސްކަން
  • ރާއްޖޭގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކުރުން

ހައްދުފަހަނައަޅައިދިޔުމުގެ ފިކުރު ހުއްޓުވައި، ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރުމަށް އަދި އެފަދަ އަމަލުތައް ހިންގާ މީހުން އަލުން މުޖުތަމައުއަށް ގެނައުމަށް އިސްކަން ދީގެން، މަސައްކަތްކުރުމަށް ސަރުކާރުން ޓެރަރިޒަމާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައިފި އެވެ.

ސަރުކާރުން އަލަށް އެކުލަވާލި މި ސިޔާސަތުގެ ބޭނުމަކީ، ޓެރަރިޒަމާއި، އަދި ހައްދުފަހަނަޅައިދިޔުމުގެ މައްސަލަތަކުގައި، ރާއްޖޭގެ ސިޔާސަތަކީ، ޓެރަރިޒަމްގެ އަމަލުތަކާއި ހައްދުފަހަނަޅައިދިޔުމުގެ އަމަލުތަކާ ދެކޮޅަށް އެއްވެސް ދުލެއް ދިނުމެއްނެތި، މިފަދަ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ. އަދި މިފަދަ އަމަލުތައް ހިންގުމާއި، މިކަންކަމަށް ފައިސާ ހޭދަކުރުމާއި، ބައިވެރިވުމާއި އެއްވެސް ސިފައެއްގައި ހިތްވަރުދިނުމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އެޅުމެވެ.

މި ސިޔާސަތުގެ ދަށުން ބޭރުގެ ފަރާތްކާ ގުޅިގެން ގިނަ މަސައްކަތްތަކެއްކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތުން ސައޫދީ އަރަބިއްޔާއިން އިސް ނަގައިގެން ޓެރަރިޒަމާ ދެކޮޅަށް އެކުލަވައިލާފައިވާ ގުޅިފައިވާ އަސްކަރީ ލަޝްކަރުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އަދި އެ ލަޝްކަރުގައި ރާއްޖެއިން އެދެވޭ ގޮތެއްގައި މަސައްކަތްކުރަމުންގެންދާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެ އެވެ. މީގެއިތުރުން ވެސް އދ. ގެ ޓެރަރިޒަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އަވަސްގޮތަކަށް ނިންމައި ނަތީޖާއާ ހަމަޔަށް ވާސިލުވެވޭނޭ ގޮތްތައް ފަހިކުރުމަށް ސިޔާސަތުގައި ވަނީ ގޮވާލާފަ އެވެ. މީގެއިތުރުން ވެސް ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުގެ ޓެރަރިޒަމާ ބެހޭ މުއާހަދާތަކުގައި ބައިވެރިވެ، އެކަންކަން ތަންފީޒުކުރުމަށް ވަނީ ނިންމާފަ އެވެ.

ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މި ސިޔާސަތުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ މައްސަލަ ފެތުރިފައިވާ މިންވަރު ބެލުމަށް ބޭސްލައިން ސްޓަޑީއެއް ހަދައި، ހޯދުންތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވެ އެވެ. އަދި ހައްދުފަހަނަޅައިދިޔުމުގެ ވިސްނުމާ ގުޅިގެން ދިމާވެ ފައިވާ އިޖްތިމާއީ މައްސަލަތައް ، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ދިމާވެފައިވާ މައްސަ ލަތަކާބެހޭގޮތުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ވެސް ނިންމާފައިވެ އެވެ.

މީގެއިތުރުން އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޑީރެޑިކަލައިޒޭޝަން އަދި ރެހިބިލިޓޭޝަންގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައިވެ އެވެ. މީގެ ބޭނުމަކީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުން އަލުން މުޖުތައުއަށް ގެންނަން ހިންގާ ޕްރޮގްރާމެކެވެ. ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމާބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މައުލޫމާތު ދިނުމުގެ ކެމްޕޭންތައް ހިންގުމަށް ވެސް ރާވާފައިވެ އެވެ.

ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅުތައް

  • ރާއްޖެއަކީ ޓެރަރިޒަމާއި، ހައްދުފަހަނަޅައިދިޔުމާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން އިސްނެގުމާއެކު ހަރަކާތްތެރިވާ ގައުމެއްގެ ގޮތުގައި ހެދުން.
  • ކަނޑާއި ވައިގެ ބަނދަރުތަކާއި އިގްތިސާދީ މުހިންމު ވަސީލަތްތައް ހުރި ސަރަހައްދުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން.
  • ރާާއްޖޭގެ ޓޫރިޒަމް، ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ކުރުމަށް ރިސޯޓުތަކާއި ޓޫރިސްޓުން ތިބޭ އަދި ބޭނުންކުރާ ތަންތަނުގެ ސަލާމަތްތެރިކަން އިތުރުކުރުން.
  • ބޭރު ގައުމުތަކާ ގުޅިގެން އިންޓެލިޖެންސް ހިއްސާކުރާނެ ގޮތާއި ވަގުތުއޮއްވައި ފިޔަވަޅު އެޅުމުގެ އިންތިޒާމްތައް ވަރުގަދަ ކުރުން.
  • އ.ދ ގެ އާމްސް ޓްރޭޑް ޓްރީޓީ ފަދަ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާ ގުޅިފައިވާ މުއާހަދާތަކުގައި ރާއްޖެ ބައިވެރިވުން.
  • ޓެެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅުތައް އެޅުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުން.
  • ގައުމީ ސަލާމަތާބެހޭ ގާނޫނެއް އެކުލަވައިލައި، އަމަލުކުރަން ފެށުން.
  • ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ފަރާތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ފިޔަވަޅުއެޅުން.

މި ސިޔާސަތުގެ ދަށުން ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ފެންނަ ކަމަށް ބުނެފައިވަނީ، ޓެރަރިޒަމް ގެ އަމަލުތަކަށް ފައިސާ ހަރަދުކުރުމާއި، ރާއްޖެއިން ބޭރުގައި ހިނގާ އެކިއެކި ހަނގުރާމައާއި ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވުމަށް މީހުން ފޮނުވުމާއި، ދިޔުމަށް ހިތްވަރުދިނުމާއި އެހީތެރިވުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދުގައި ކަމަށެވެ.

މި މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ހާމަކޮށްދިނުމަށްފަހު، މި މައްސަލައާ ބެހޭގޮތުން، އިތުރަށް އެޅިދާނޭ ފިޔަވަޅުތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ މުހިންމު ކަމެއްކަމުގައި ދެކިގެން، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވައި، ފެނިވަޑައިގަންނަވާ ގޮތްތަކެއް ހާމަކޮށްދެއްވުން އެދި މިހާރު ވަނީ އެ މައްސަލަ ރައީސް މަޖިލީހަށް ފޮނުވާފަ އެވެ.