ޓެރަރިޒަމް

ހަނގުރާމަގައި އުޅޭ ދިވެހިންގެ އަދަދު 49 އަކަށް

  • އެ އަދަދު މަހަކު އެއްފަހަރު މުރާޖައާ ކުރާނެ
  • މަރުވިކަމަށް ކަށަވަރުވި މީހުން ނުހިމެނޭ
  • ގިނަ މީހުން ހަނގުރާމައަށް ދަނީ އިންޓަނެޓުން މައުލޫމާތު ހޯދައިގެން

ރާއްޖޭއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ އަދަދު 49 އަކަށް އަރައިފި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކޯސްޓްގާޑްގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އާންމު ގޮތެއްގައި ހަނގުރާމާގައި ބައިވެރިވާންދާ ދިވެހިންނަކީ ކުށުގެ ރިކޯޑު އޮންނަ "ބޮޑެތި މުޖުރިމުން" ކަމަށެވެ. އަދި އިސްލާމީ ރުކުންތައް ވެސް ގަބޫލު ނުކުރާ މީހުން ކުއްލިއަކަށް ދީނީ ވުމަށް ފަހު ޖިހާދަށް ދަނީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، މީހުން ހަނގުރާމައަށް ދަނީ އެމީހުންގެ ފިކުރާ ބަޔަކު ކުޅުމުންދާތީ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ގޮތުގައި ހަނގުރާމައަށް ގޮސްފައިވަނީ ދީނީ މައުލޫމާތު މަދު ހޭލުންތެރިކަން ވެސް ކުޑަ، ކުށުގެ ރިކޯޑު އޮންނަ، މައިންބަފައިންގެ އަޅާލުމެއް ލިބިފައިނުވާ، ސްކޫލް ތައުލީމް ފުރިހަމަ ނުކުރާ މީހުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމަޔަށް ދިޔަ މީހުންގެ އަދަދު ދެ އަދަދުގެ އަދަދަކަށް ނާރާނެ ކަމަށް މީގެ ކުރިން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އިމިގްރޭޝަނާއި ފުލުހުންގެ ކިބައިން މައުލޫމާތު އެއްކުރި އިރު 49 މީހަކު ހަނގުރާމަތަކަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުޑަކުދިން ނުހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި މަރުވެފައިވާ ކަމަށް ކަށަވަރުވެފައިވާ މީހުން އެ ލިސްޓްގައި ނުހިމެނޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"49 އެކޭ މިބަނަނީ ކުޑަކުދިން ނުހިމަނާ، ހަނގުރާމައަށް ދާ މީހުން ކަމަށް މިބަލަނީ ބަޔަކާ ދިމާލަށް ނިކުމެވޭވަރުގެ ފެންވަރު ހުންނާނެ ބަޔަކަށް، ފިރިހެނުންނާއެކުދާ އަނބިން މީގައި އެބަ ހިމަނާފައިވަނީ، އެއީ އެމީހުން އެ ދާ ނިޔަތް ނޭނގޭތީ، މީގައި މަރުވެފައިވާކަން ޔަގީންވާ މީހުން ވާނީ އުނިކޮށްފައި، އެކަމަކު މަރިކަން ކަށަވަރުނުވާ މީހުން ހިމަނާފައިވާނެ،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަހަކު އެއްފަހަރު އެ ލިސްޓް މުރާޖައާ ކުރަމުން ގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބޭރުގެ އެކި ގައުމުތަކަށް ހަނގުރާމަޔަށް ދާ ދިވެހިން ދަނީ އެހެން ގައުމުތަކަށް ދަތުރުކޮށްގެން ކަމަށާއި އެހެންވެ އެފަދަ މީހުން ހުއްޓުވުމަށް ވަރަށް އުނދަގޫ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ހަނގުރާމައަށް ދިޔަކަން އިއުލާންކުރި ނަމަވެސް އެމީހަކު ހަނގުރާމައަށް ދިޔަކަން ޔަގީންނުވާނެ ކަމަށެވެ. އަދި އދ.އިން ދިވެހިން ހަނގުރާމައަށް ގޮސްފައިވާ އަދަދު ކަމަށް ބުނެ ނެރެފައިވާ ރިޕޯޓު ބަލައިނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ގެންދަން ހަރަކާތްތެރިވާ ނެޓްވޯކްތަކެއް ރާއްޖޭގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމަށް މަގުފަހިކޮށްދޭ ވަކިވަކި ފަރާތްތައް އެބަ އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، އެފަދަ މީހުންގެ ކަންކަން ކައިރިން ބަލައި އެކަށީގެންވާ ހެކި ހޯދުމަށް ފަހު އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ގިނަ މީހުން ހަނގުރާމަޔަށް ދަނީ ސޯޝަލް މީޑިއާޔާއި އިންޓަނެޓްގެ ޒަރިއްޔާއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.