ހަބަރު

މުއްދަތު ހަމަވެފައި ހުރި ރޯސިރަޕް ވިއްކަނިކޮށް ހުއްޓުވައިފި

ސިންގަޕޫރުގެ ނޮދަން ލަކް ޕްރައިވެޓް ލިމިޓަޑުން އުފައްދާ ރޯސް ސިރަޕް ފުޅި އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހަށް ބަދަލު ގެނެސް ބާޒާރުގައި ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފަިއވަނީ، އެ އޮތޯރިޓީން ބެލި ބެލުމުގައި އެ ފުޅީގައިވާ މުއްދަތު ހަމަވާ ތާރީހު ހަމަވުމުން އޭގައި ސްޓިކާއެއް ބޭނުންކޮށްގެން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްފައިވާ ކަމަށެވެ.

ރޯސް ސިރަޕް ވިއްކާ އަދި ގަންނަ ފަރާތްތަކުން އެފަދަ ސްޓިކާއެއް ފުޅީގައި ތަތްކޮށްފައިވޭތޯ ރަނގަޅަށް ބަލައި، އެފަދަ ގޮތަކަށް ލޭބަލްވާނަމަ އެ ތަކެތި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ. އަދި އެފަދަ ގޮތަކަށް ބަދަލުކޮށް ވިއްކާކަން ފާހަގަކުރެއްވިއްޖެނަމަ އެ މައުލޫމާތު އެ އޮތޯރިޓީއަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މިގޮތަށް އޮޅުވާލަިއގެން ކާބޯތަކެތި ވިއްކާ ފަރާތްތަކާމެދު "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރާ ގާނޫނު"އިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.