ހަބަރު

ކަންބޮޑުވުންތަކެއް ހުރި އަބުރާ ގުޅޭ ބިލު އަނބުރާ ގެންގޮސްފި

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް" އަނބުރާ ގެންގޮސްފި އެވެ.

ބިލް އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވެ ނިހާން ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ޓްވީޓްގައި ވިދާޅުވެފައިވަނީ، އަބުރާ ބިލް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ބިލް އަނބުރާ ގެންގޮސްފައިވަނީ މިއަދު އެވެ.

ނިހާން މަޖިލީހަށް ހުށަހެޅި އަބުރާ ގުޅޭ ބިލާމެދު ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން އަޑު އުފުލާފައިވެ އެވެ. އަދި ސަރުކާރުގެ އިސްވެރިންނާ ބައްދަލު ވެސް ކޮށްފައިވެ އެވެ. އޭގެ އިތުރަށް އެ ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

އަނބުރާ ގެންދިޔަ ބިލްގައިވާ ގޮތުން އިސްލާމް ދީނާ ހިލާފަށް ހިޔާލު ފާޅުކުރުމާއި މީހެއްގެ ނަމަށް ނޫނީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް ސާބިތު ނުހިފޭ ވާހަކައެއް ދެއްކުން ނޫނީ ކުރެހުމެއް ނޫނީ ލިޔުމެއް ވެސް އާންމު ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. ސާބިތު ނުހިފޭ ވާހަކަތަކެއް މީޑިއާއިން ޝާއިއުކޮށް މީހެއްގެ އަނބުރު ގެއްލުވާލައިފި ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރަށް އެ މީޑިއާއެއްގެ މައްސަލަ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައި ފިޔަވަޅު އެޅުމަށް ވެސް ބިލުގައި ހިމަނާފައި އޮތެވެ.