ހަބަރު

އުއްޗު އާއި ގާސިމް ބައްދަލު ކުރައްވައިފި

Feb 13, 2015
4

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ކުއްލި ގޮތަކަށް ބައްދަލު ކުރައްވާ ދެބޭފުޅުން މަޝްވަރާ ކުރައްވަފި އެވެ.

އެ ބައްދަލު ކުރެއްވުން އޮތީ މިރޭ 10:50 އެހާކަން ހާއިރު ދިޓީވީގެ އިމާރާތާ އިންވެގެން ހުންނަ އުއްޗު ދިރިއުޅުއްވަން ބޭނުން ކުރައްވާ އެޕާޓްމަންޓްގަ އެވެ.

މި ބައްދަލުކޮށްލެވުމަކީ ދެބޭފުޅުންގެ ޒަމާންވީ ރަހުމަތްތެރި ކަމުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ނަމަވެސް ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާމެދު އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު އުއްޗުއާ ހިއްސާ ކުރެއްވުމުން އުއްޗުވެސް ވަނީ ސިޔާސީ މަސްރަހުގައި އޭނާގެ ގެންގުޅުއްވާ އަދި މިވަގުތު ހުންނެވި ސްޓޭންޑް ގާސިމާ ހިއްސާ ކުރައްވާފަ އެވެ.

މި ބައްދަލުވުމަށްފަހު އުއްޗުގެ ދިޓީވީގެ ސީއީއޯ މިދުހަތު އާދަމްގެ 44 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކެއް ފެޅުމުގެ ކުޑަ ރަސްމިއްޔާތެއްގައި ވެސް ގާސިމް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ޗަމްޕާ ކެންޓީން ހުންނަ ބިލްޑިންގަށް ވަޑައިގެން އެތަން ބައްލަވާލެއްވި އެވެ. މި ބައްދަލުވުމުގައި ގާސިމާއެކު ވަޑައިގެންނެވީ ގާސިމްގެ ވީޓީވީގެ ސީއީއޯ އިބްރާހިމް ހަލީލާއި ޑިރެކްޓަ ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒް މުހައްމަދު އިކުރާމެވެ. ބައްދަލުވުން ނިންމާލީ 12:45 ގައެވެ.

އެމްޑީޕީ- ޖޭޕީ ގުޅިގެން ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ޗާންދަނީ މަގު ކަންމަތީ މިރޭ ބޭއްވި ސިލްސިލާ ރެލީގައި ގާސިމް ބައިވެރިވެ ވަޑައިގެންނެވި އެވެ. ގާސިމް އުއްޗުގެ އެޕާޓްމަންޓަށް ވަޑައިގެންނެވީ އެތަނުގައި ހުންނެވުމަށް ފަހު އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ މަސައްކަތް ނުނިމެނިސް ގެއަށް ނުވަންނާނެ ކަމަށް ގާސިމް ރޭ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރޭ ވަނީ ޝަރުއީ ދާއިރާ އަށާއި ފުލުހުންނަށް އަދި ސިފައިންނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރު ކޯލިޝަނުން ވަކިވުމަށް ފަހު ގާސިމް ވިދާޅުވެފައި ވަނީ މި ސަރުކާރަކީ ކޯލިޝަނަކުން އުފެދުނު ސަރުކާރަކަށް ވާތީ، ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ، އަދި ރައީސް ޔާމީނަށް ދެން އެއްވެސް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.