ހަބަރު

މާފުދިނުމުގެ އާ ގަވާއިދެއް: މައާފުދެވޭނީ ހުކުމުގެ ދެބައިކުޅަ އެއް ބައި ފުރިހަމަކުރުމުން

ބޮޑެތި ކުށްތައް ސާބިތުވެފައިވާ ކުށްވެރިންނަށް ރައީސްގެ އިސްނެންގުވުމަށް އަދަބު ލުއިކޮށްދެވޭނީ ހުކުމުގެ ދެ ބައިކުޅަ އެއް ބައި ފުރިހަމަކުރުމުން ކަމަށް ކަނޑައަޅައި އާ ގަވާއިދެއް އެކުލަވާލައިފި އެވެ.

އިއްޔެ ގެޒެޓްކޮށްފައިވާ މި އާ ގަވައިދުގައި ރައީސްގެ އިސްނެންގެވުމަށް ކުށްވެރިއެއްގެ އަދަބު ލުއިކޮށްދެވޭނެ ހަމަތައް ބަޔާންކޮށްފައިވެ އެވެ. މީގެކުރިން މި ހަމަތައް ގާނޫނުގައި ބަޔާންކޮށްފައެއް ނޯވެ އެވެ. މައާފުދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގައި ބުނެފައި އޮތީ، މީހެއްގެ ބަލި ހާލަތާއި އިންސާނިއްޔަތަށް އަދި އުމުރަށް ބެލުމަށްފަހު ރައީސްގެ އިސްނެންގެވުމަށް އަދަބު ލުއިކޮށްދެވިދާނެ ކަމަށް އެކަންޏެވެ.

އާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ ދަށުން ރައީސްއަށް ބޮޑު ކުށެއް ސާބިތުވެފައިވާ ކުށްވެރިއެއްގެ އަދަބު ލުއިކޮށްދެވޭނީ ހުކުމުގެ ދެބައިކުޅަ އެއް ބައި އޭނާ ތަންފީޒުކުރުމުންނެވެ. ބޮޑެތި ކުށްތައް ކަމަށް މި ގަވައިދުގައި ބަލަނީ މީހަކު މެރުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ކުރުމާއި 14 ގުރާމަށްވުރެ ގިނަ މސްތުވާތަކެތި ގެންގުޅުމުގެ ކުށާއި ޓެރަރިޒަމްގެ އެންމެހާ ކުށްތަކާއި 10 އަހަރަށްވުރެ ބޮޑު އަދަބެއް ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށެވެ.

މީގެއިތުރުން 10 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނަ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށާއި ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ 10 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނަ ކުށްތަކާއި 14 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނަ މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުމުގެ ކުށްތަކާއި 10 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނަ ޓޯޗާ ކުށާއި ޖިންސީ ކުށްތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް ވެސް ބަލާނީ ބޮޑެތި ކުށްތަކުގެ ގޮތުގަ އެވެ. މި ކުށްތައް ސާބިތުވާ މީހުންނަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ލުއި ދެވޭނީ ހުކުމްގެ ދެ ބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ.

މި ކުށްތައް ފިޔަވައި އެހެން ބާވަތްތަކުގެ ކުށް ސާބިތުވެފައިވާ މީހުންނަށް އަދަބު ލުއިކޮށްދެވޭނީ ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުންނެވެ.

މި ގަވައިދުގައި އަދަބު ލުއިކޮށްދެވޭނެ ގޮތްތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ ތިން ގޮތެކެވެ.

އަދަބު ލުއިކޮށްދެވޭނެ ގޮތްތައް:

  • މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން
  • މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން
  • މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ އެ ކުށާ ގުޅިގެން އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅެން އޮތް ކުށެއް ނަމަ އަދަބު ލުއިކުރުން

މި ތިން ގޮތަށް އަދަބު ލުއިކޮށްދެވުނު ނަމަވެސް އަދަބުގެ ގޮތުން ވަކި އަދަދަކަށް ފައިސާ ދައްކަން ޖެހޭނަމަ އެކަން މައާފުކޮށް ނުދެވޭނެ އެވެ. އެ ފައިސާ ދައްކަން ޖެހޭނެ އެވެ.

މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދެވޭނެ ޝަރުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ، އެ ކުށްވެރިޔަކީ ޖިނާއީ ކޯޓެއްގައި އިތުރު ދައުވާއެއް އުފުލިފައިވާ މީހަކަށް ނުވުމާއި އެމީހަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި ނުވަތަ މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތާއި އަމަންއަމާންކަމަށް ނުރައްކާވެދާނެ މީހެއްކަމުގައި ނުވުމެވެ. އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ގަވާއިދުގައި އިތުރަށްވާ ގޮތުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ސައްހަ ކަމަކީ ނުވަތަ ކުށް ސާބިތުވެފައިވާ ގޮތުގެ ސައްހަކަމަކީ ގަވައިދުގެ ދަށުން އަދަބު ލުއިކޮށްދިނުމާ ގުޅިގެން ބަލަން ޖެހޭ ކަމެއް ނޫނެވެ.