ބޭރު ކުޅިވަރު

އިޓަލީ ދެ ވަނަ ބުރަށް

އެންމެ ފަހު ވަގުތު އެޑާ ޖަހައިދިން ލަނޑުން 1-0އިން މޮޅުވެ، އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މި މެޗުން މޮޅުވުމުން އިޓަލީ އަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ލިބިފައިވާއިރު ސްވިޑްން އަށް ވަނީ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ.

މި މެޗުގައި 88 ވަނަ މިނިޓްގައި އެޑާ ގޯލު ޖެހީ ގޯލާ ދިމާލަށް އޭނާ ފޮނުވާލި ފުރަތަމަ ބޯޅައިންނެވެ. އަދި މެޗުން ބަލިވުމާއެކު ސްވިޑްގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް ވަނީ އެއްވެސް މީހަކާ ސަލާމްވެސް ނުކޮށް ޗޭންޖިން ރޫމަށް ގޮސްފަ އެވެ.

މި ދެ ގައުމު ޔޫރޯ 2004ގައި ވާދަކުރި މެޗުގައި ކުޅުނު ތިން ކުޅުންތެރިއަކު މި މެެޗުގައި ފެނިގެންދިޔަ އެވެ. އެއީ އިބްރަހިމޮވިޗާއި ދެ ޓީމުގެ ކީޕަރުން ކަމަށްވާ އިޓަލީގެ ޖިއާން ލުއިޖީ ބުފަން އާއި ސްވިޑްންގެ ކީޕަރު އިސަކްސަން އެެވެ.

މި މެޗުގައި ޖުމުލަ ފެނިގެންދިޔައީ އެންމެ 12 ޝޮޓެވެ. މިއީ 1980 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު މި މުބާރާތުގެ މެޗެއްގައި އެންމެ މަދުން ޝޮޓް ފެނިގެންދިޔަ މެޗެވެ.