ހަބަރު

ޒަމީރާއި ތިހާމް އަދި ޕާޕާއަށް މާދަމާ ހުކުމް އިއްވަނީ

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުވާކޮށްފައިވާ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް މާދަމާ ހުކުމް އިއްވަން ނިންމައިފި އެވެ. ހުކުމް އިއްވުމަށް މާދަމާ ހެނދުނު 11:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

މި މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒުގެ މައްޗަށް މި މައްސަލާގައި އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް އުފުލާފައިވަނީ، އެ ދައުވާ އެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުވާލިބޭ ތިން މީހުން ވަނީ، އެއް ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. ތިން މީހުން ވެސް ބުނެފައި ވަނީ އެ ދުވަހު އަމަލުކޮށްފައިވަނީ ސިފައިންގެ އިސް ވެރިން އަމުރު ކުރެއްވި ގޮތަށް ކަމަށާއި އެފަދަ ހާލަތެއްގައި އަމަލުކުރަން ޖެހޭނެ ގަވައިދެއް ވެސް ސިފައިންގެ ތެރޭގައި ނެތް ކަމަށެވެ. ހަމައެހެންމެ ދައުވާގެ އުންސުރުތައް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ވެސް ބުންޏެވެ.

ދައުލަތުން ބުނެފައިވަނީ، ޕާޕާ، ޒަމީރު އަދި ތިހާމް ވަނީ އާންމުކޮށް އަމަލުކުރާ އުސޫލުތަކާ ހިލާފުވެފައި ކަމަށާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގަވައިދެއް ލިޔެފައި ނެތަސް އާންމު އުސޫލާ ހިލާފުވުމުން އެ ތިން މީހުން ވެސް ކުށްވެރިވާ ކަމަށެވެ.