އަލްހާން ފަހުމީ

މާލޭ ސިޓީ ކައުންސިލަށް އަލްހާން ވާދަ ކުރައްވަނީ

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މެންބަރު ކަމަށް ކުރިމަތިލައްވަން އަލްހާން ނިންމައިފި އެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި އަލްހާން މާލެ ސިޓީ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލައްވަން ނިންމެވި އިރު މީގެ ކުރިން ވަނީ 2018 ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ހޯއްދަވައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވެސް އިއުލާން ކުރައްވާފަ އެވެ.

އެހެން ނަމަވެސް މިއަދު އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ލޯކަލް އިންތިހާބުގައި "މާލެސިޓީ މޭޔަރު ކަމަށް ކުރިމަތި ލައްވާނެ" ކަމަށެވެ.

އަލްންހާން އެގޮތަށް ޓްވީޓް ކުރެއްވި ނަމަވެސް ފުރަތަމަ ކުރިމަތި ލައްވަން ޖެހިވަޑައިގަންނަވަނީ ސީޓީ ކައުންސިލްގެ މެންބަރު ކަމަށެވެ. މާލޭ ސިޓީގެ މޭޔަރު އިންތިހާބު ކުރަނީ މާލޭ ސިޓީގެ 11 ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގަންނަވާ މެންބަރުންގެ ތެރޭ ބާއްވާ އިންތިހާބަކުންނެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އާއްމު އިންތިހާބުގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އަލްހާނަށް ނާކާމިޔާބު ވުމުން އޭނާ ވަނީ އެ ގޮނޑިއަށް އަމިއްލަ ކެންޑިޑޭޓެއް ގޮތުގައި ވާދަކުރައްވާފައެވެ. އެހެންވެ އެމްޑީޕީއިން ވަނީ އަލްހާން އެއް އަހަރާއި ހަމަސް ދުވަހަށް ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް ސަސްޕެންޑްކޮށްފަ އެވެ.