ޕްރޮމޯޝަން

ދިރާގު ރޯދަ ހަދިޔާގެ ދެވަނަ ނަސީބުވެރިޔާއަށް އިނާމް ދީފި

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފި އެވެ.

ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފައި ވަނީ ރާއްޖެޓީވީގެ "ބާޒާރުމަތިން އެކްސްޓްރާ" ޕްރޮގްރާމްގެ ތެރޭގަ އެވެ. އެގޮތުން އިއްޔެ ހަވީރުގެ ޕްރޮގްރާމްގައި ދިރާގު ރޯދަ ހަދިޔާގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ ސ. ހިތަދޫ، ކުދިމާވިލާ، އަލީ އަބްދުﷲ ދީދީ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ބުނީ އެ ކުންފުނިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފައިވާ އިރު، ތިން ވަނަ ހަފްތާގެ ނަސީބުވެރި ފަރާތަކަށް ސ. ހުޅުދޫ އެވަރެސްޓް، ޝަފީނާ ހޮވިފައިވާ ކަމަށެވެ. އަދި ޝަފީނާ އަށް އަންނަ ހަފްތާގައި އިނާމް ހަވާލުކުރުން އޮންނާނެ ކަމަށެވެ.

ދިރާގުން ބުނީ ނަސީބުވެރި ފަރާތަކަށް 65000 ރުފިޔާއަށް ވުރެ އަގު ހުރި "އެލްޖީ ހޯމް ޕެކް" އެއް ކޮންމެ ހަފްތާއަކު ލިބެ އެވެ. އޭގެ ތެރޭގައި އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޑްރައިވް ދޮންނަ މެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔާލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއެއް ހިމެނެ އެވެ.

ރޯދަ މަހަށް ހާއްސަކޮށް ދިރާގުން ހިނގާ ޕްރޮމޯޝަންތަކު ތެރޭގައި ހަފްތާއަކު ފަސް މީހަކަށް ހުޅުލެ އައިލެންޑް ރިސޯޓުން ރޯދަ ވިއްލުން ދޭން ނިންމާފައި ވެއެވެ. އެގޮތުން ދެވަނަ ހަފްތާގެ ރޯދަ ވިއްލުން ލިބިފައި ވަނީ މ. ސާމާ، ތޯހާ ޝިމަން އަހުމަދެވެ. ދިރާގުން ބުނީ "iftar" ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ކުރައްވާ ކޮންމެ އެސްއެމްއެސް އަކުން ލިބޭ ފައިސާތައް އެ ކަސްޓަމަރުންގެ ނަމުގައި ފިތުރު އީދު ދުވަހު ކ. ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށެވެ.