ހަބަރު

ޖަމީލާއި އަކްރަމް ފުުލުހަށް ހާޒިރު ކުރަން މަސައްކަތް ފަށައިފި

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ރާއްޖެ ޓީވީ ޗެއާމަން ފުލުހަށް ހާޒިރު ކުރަން ފުލުހުން މަސައްކަތް ފަށައިފި އެވެ. ފުލުހުން އެ ދެ ބޭފުޅުން ހާޒިރު ކުރަން ޗިޓް ހަވާލު ކުރަން އުޅޭ ކަމުގެ މައުލޫމާތު އަވަސް އަށް ލިބިގެން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ އާއި ސުވާލު ކުރުމުން ވިދާޅުވީ އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ލީޑަރުކަން ކުރައްވާ ކުރީގެ ނައިބު ރައީސް ޖަމީލާއި އަކުރަމް ކަމާލުއްދީނު ފުލުހަށް ހާޒިރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިވަގުތު އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ތިއްބެވި އެ ދެބޭފުޅުން ފުލުހަށް ހާޒިރު ކުރަނީ ކޮން ދުވަހަކުތޯ އެހުމުން އެއަށް ޖަވާބު ނުދެއްވާ އިސްމާއީލް ވިދާޅުވީ އަކުރަމް ކަމާލުއްދީނު ފުުލުހަށް ހާޒިރުވާން އަންގާ އަމުރާ އޭނާގެ އާއިލާއިން ހަވާލު ނުވި ކަމަށާއި ޖަމީލްގެ އަމުރު ހަވާލު ކުރަން ދިޔައިރު ޖަމީލް އުޅުއްވި ގެ ތަޅުލައި ބަންދުކޮށްފައި ވާ ކަމަށެވެ.

އިސްމާއީލް ވިދާޅުވީ ޖަމީލާއި އަކްރަމް ފުލުހަށް ހާޒިކުރަނީ ފުލުހުން ބަލަމުން މައްސަލަތަކެއްގައި ކަމަށާއި އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓް އަމުރެއް އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް ލައްވާ ނެރެން މަސައްކަތް ކުރުމުގައި ބައިވެރިވުން ވެސް ހިމެނޭ ކަމަށެވެ.

"އެގޮތަށް ތަހުގީގު ކުރާ މައްސަލަތަކަކާ ގުޅިގެން ފުލުހުން އެ ދެ ބޭފުޅުން ހާޒިރު ކުރަން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދެބޭފުޅުން ފުލުހަށް ހާޒިރުވާން އެންގުމަށް އަމުރު ހަވާލު ކުރަން މަސައްކަތް ކުރާއިރު އެ ދޭފުޅުންގެ ފަރާތުން ފުލުހުންނަށް އެއްބާރުުލުން ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.