ރާއްޖެ ކުޅިވަރު

ޔުނައިޓެޑް ވިކްޓަރީން ވަރުގަދަ މާޒިޔާ ހިފަހައްޓައިފި

ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ ޔުނައިޓަޑް ވިކްޓްރީން ވަރުގަދަ މާޒިޔާއާ ދެކޮޅަށް މިރޭ ކުޅުނު މެޗް 1-1 ން އެއްވަރުކޮށްފިއެވެ.

ލީގުގައި މިހަތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާ، މާޒިޔާ އެއްވަރުވުމުން، މެޗަށް ފަހު ވާހަކަ ދައްކަމުން އެޓީމުގެ ކޯޗް އަލީ ސުޒޭން ބުނީ "މެޗަށް ނިކުތީ، ތިން ޕޮއިންޓް ހޯދަން މެޗް އެއްވަރުވުމަކީ ރަނގަޅެއް ނޫން" ކަމަށެވެ.

ސުޒޭން ފާހަގަ ކުރީ ރޯދަ މަހު ކުޅެން ޖެހުމުން ދިވެހި ކުޅުންތެރިންނަށް އޭގެ އަސަރު ކުރާ ކަމަށެވެ.

"ގިނައިން ބިދޭސީ ކުޅުންތެރިން، ތިބޭ ޓީމަކަށް ފައިދާ ތަކެއް ކޮށްފާނެ. މިދިޔަ އަހަރުވެސް ދިވެހިން ކުޅުންތެރިންގެ ފަރާތުން މިމައްސަލަ ފާހަގަ ކުރެވުނު" ކަމަށް ސުޒޭން ބުންޏެވެ.

ދެ ވަނަ ހާފުގައި މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަޖެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެޓީމަށް ލަނޑު ޖަހާ ދިނީ ދެ ވަނަ ހާފުގައި އިސްމާއީލް އީސާ (މެސީ) އެވެ.

މެޗު ފެށިގޮތަށް ޔުނައިޓެޑް ވިކްޓަރީން ލަނޑު ޖެހުމުން މާޒިޔާގެ ކުޅުންތެރިންނަށް އަސަރު ކުރިކަމަށާއި ނަމަވެސް ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެކަންތައް ރިކަވާ ކުރެވުނު ކަމަށް ސުޒޭން ބުންޏެވެ.

ދެ ވަނަ ހާފު ނިމެން ކައިރިވެފައިވަނިކޮށް މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކްރީ) ވަނީ ލަނޑު ޖެހުމަށް ރަނގަޅު ހަމަލާއެއް ފޮނުވާލާފައެވެ.

ގޯލްތެރެއަށް ބޯޅަ ވަން ކަމަށް މާޒިޔާގެ ބެންޗުން އެޕީލް ކުރި ނަމަވެސް، ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިން އެ ބޯޅަ ދިފާއު ކުރީ ގޯލް ތެރެއަށް ވަދެ ވަދެއް އޮއްވައެވެ.

މާޒިޔާގެ ބެންޗުން އެޕީލް ކުރި ނަމަވެސް ސުޒޭން ބުނީ "އެ ބޯޅަ ގޯލް ތެރެއަށް ވަދެފައި ނުވާ" ކަމަށެވެ.

ލީގްގައި މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އީގަލްސްއާ ބީޖީ ސްޕޯޓްސް ކުލަބެވެ.