ހަބަރު

ރައީސްގެ އެކައުންޓަކަށް ފައިސާތަކެއް ޖަމާކުރި މައްސަލަ ފުލުހަށް ހުށަހަޅައިފި

އިސްލާމިކް ބޭންކުގައި ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ފަސް ލައްކަ ޑޮލަރު ޖަމާކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފި އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުންނެވެ.

މިއަދު މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އިއްތިހާދުގެ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފް ވިދާޅުވީ، ފުލުހުންނަށް ހުށަހަޅާނެ ރައީސްގެ ބައިވަރު މައްސަލަތައް އެބަހުރި ކަމަށާއި މި މައްސަލައަކީ އޭގެތެރެއިން އެއް މައްސަލަ ކަމަށެވެ. އަދި މި މައްސަލަ އެެއްވެސް ނުފޫޒެއް ނެތި ފުލުހުން ބަލައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ، މިހާ ބޮޑު އަދަދެއްގެ ފައިސާ އެކައުންޓަކުން އަނެއް އެކައުންޓަށް ޖަމާކުރާއިރު މަރުކަޒީ ބޭންކްގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓަށް އެކަމުގެ މައުލޫމާތު ލިބޭނެ ކަމަށާއި ރައީސްގެ އެކައުންޓަށް އެހާ ބޮޑު އަދަދެއްގެ ފައިސާ ޖަމާވިކަން އެ ޔުނިޓަށް އެނގުނު ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަޅާނުލުމަށް ރައީސް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އަރިހުގައި ދެންނެވިކަމުގެ މައުލޫމާތެއް ވެސް ލިބިފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެމްއެމްއޭގެ ބަހެއް ހޯދުމަށް ގުޅިނަމަވެސް ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.

އިދިކޮޅު އިއްތިހާދުން ފުލުހުންގެ ކިބައިން އެދިފައިވަނީ، ރައީސްގެ އެކައުންޓަށް އެހާ ބޮޑު އަދަދެއްގެ ފައިސާ ޖަމާވެފައިވާތީ އެއީ، މަނީ ލޯންޑްރިންގެ ކުށެއް ކަމަށް ބެލެވޭތީ އެކަން ބަލައިދިނުމަށެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަވަރުނަރަށް ވަކި ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭތީ، އެއީ ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށެއް ކަމަށް ބެލެވޭތީ އެކަން ވެސް ތަހުގީގުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މިހާތަނަށް ތިލަވެފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު އިސްލާމިކް ބޭންކްގައި ރައީސްގެ ނަމުގައި އޮންނަ އެކައުންޓަކަށް 500،000 ޑޮލަރު ޖަމާކޮށްފައި ވަނީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އަދީބާއި ރައީސް ޔާމީން އާ ދެމެދު ނުތަނަވަސްކަން އެންމެ ބޮޑުވި ދުވަސްވަރު އެވެ. އެނގިފައިވާ ގޮތުގައި ރައީސްގެ އެކައުންޓަށް އެހާ ގިނަ ފައިސާ އެސްއޯއެފް އިން ކުއްލިއަކަށް ޖަމާކުރި އިރު އޭގެ ކުރިން އެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެއް ނުވެ އެވެ. އަދި އެއީ ރައީސް ބޭނުން ކުރައްވާ ވެސް އެކައުންޓެއް ނޫނެވެ.