ވެޓަރަންސް ކަޕްގައި މިއަދު ހަވީރު ގުރޫޕް އޭ އިން ފުލަށް ދިޔަ ވިކްޓްރީއާއި ގުރުޕް ބީ ގެ ފުލަށް ދިޔަ ޔުނައިޓަޑް ވިކްޓްރީ ކުޅުނު ޕްލޭއޮފްމެޗް އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 6-5 ން މޮޅުވެ ޔޫވިކްޓްރީ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މެޗްގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. މިމެޗުން ބަލިވުމުން ވިކްޓްރީ ވަނީ މުބާރާތުން ކަޓާފައެވެ.
މެޗްގައި ޔުނައިޓަޑް ވިކްޓްރީ ގެ ދެ ލަނޑުވެސް ކާމިޔާބު ކުރިީ މެޗްގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާއަށާއި މެޗްގެ މިޮޅުކުޅުންތެރިޔާއަށްވެސް ހޮވުނު އަބްދު ﷲ ވަހީދު (ބިންމާ އައްލޯ) އެވެ.
ވިކްޓްރީގެ ލަނޑު ކާމިޔާބު ކުރީ އަހްމަދު ޝާކިރު (ޝާކިއްޓޭ) އާއި ވިކްޓްރީގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު މުފީދު (މުފިއްޓޭ)
ޕެނަލްޓީ ޝޫޓް އައުޓްގައި ވިކްޓްރީއަށް ނާކާމިޔާބުވީ ޝާކިއްޓޭ ޖެހި ޕެނަލްޓީއާއި ވިކްޓްރީގެ ބޯޑް މެންބަރު އަދި ކުރީގެ ކުޅުންތެރިޔާ އިބްރާހިމް ޝިނާޒު (ޝިނާ) ޖެހި ޕެނަލްޓީއެވެ. އެ ދެ ޕެނަލްޓީވެސް ކުރީގެ އެއްވަނަ ކީޕަރު އިސްމާއީލް ޒަރިއަންދު ވަނީ ދިފާއުކޮށްފައެވެ.
ޔުނައިޓަޑް ވިކްޓްރީއަށް ނާކާމިޔާބުވީ އެޓީމުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި މޫސާ މުޙައްމަދު ޖެހި ޕެނަލްޓީއެވެ. އެޕެނަލްޓީ ވިކްޓްރީގެ ކީޕަރު އަހްމަދު މުޖުޠަބާ ފެސްކޯ ވަނީ ދިފާއުކޮށްފައެވެ.
ދެ ވަނަ ބުރުވެސް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ މެޗްގައި މާދަމާ ބައްދަލު ކުރާނީ ވެލެންސިއާއާ ބީޖީއެވެ