ރާއްޖެ ކުޅިވަރު

މާޒިޔާއާ ފަރަގު ކުޑަ ނުކުރެވުމުން ހިތްހަމައެއް ނުޖެހޭ: އީގަލްސް

Jun 21, 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގް މިރޭ ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސް، ބީޖީއާ ލަނޑެއް ނުޖެހި އެއްވަރުވެ، އެއްވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަ ނުކުރެވުމުން ހިތްހަމަ ނުޖެހޭ ކަމަށް އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނެފިއެވެ.

ޕޮއިންޓް ތާވަލުގެ އެއް ވަނައިގައި މާޒިޔާ އޮތީ 13 ޕޮއިންޓާއެކުއެވެ. މިރޭގެ މެޗުން ހޯދީ ޕޮއިންޓާއެކު އީގަލްސްއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

މާޒިޔާ ރޭ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިރޭ އީގަލްސް މޮޅުވި ނަމަ، މާޒިޔާއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެއެވެ.
"ވަރަށް ބޮޑު ފުރުސަތެއް މިގެއްލުނީ، މާޒިޔާއާ ފަރަގު ކުޑަ ކޮށްލަން ފުރުސަތު ލިބި ގެއްލުމުން އެއްގޮތަކަށްވެސް ހިތް ހަމައެއް ނުޖެހޭ" ކަމަށް ޝާކިއްޓޭ ބުންޏެވެ.

އީގަލްސްއާ ބީޖީ މިރޭ ކުޅުނު މެޗް އެއްވަރުވި ނަމަވެސް، އީގަލްސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތެއް ލިބިފައެވެ.
ޝާކިއްޓޭ ބުނީ މެޗްގައި ރަނގަޅަށް ކުޅެވުނު ނަމަވެސް، މިރޭވެސް އީގަލްސްއަށް ދިމާވީ ނިންމާ ނުލެވުމުގެ މައްސަލަ ކަމަށެވެ.

ޝާކިއްތޭ ބުނީ "މިރޭ ވެސް އެޓީމުން އެޓްކް ކުރީ 21 އަހަރުން ދަށުގެ ތިން ކުޅުންތެރިން ހިމަނައިގެން ތަޖުރިބާގެ މައްސަލައެއްވެސް ދިމާވޭ"

އެންމެ ފަހުން ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗަށްފަހު ޝާކިއްޓޭ ބުނީ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ތަކެއް ލިބޭނީވެސް އެކުޅުންތެރިންނަށް މެޗުން ފުރުސަތު ދީގެން ކަމަށެވެ.

ބީޖީއިންވެސް ވަނީ ބައެއް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ބީޖީގެ ކޯޗް ޝާޒްލީ މުޙައްމަދު (ޝާޒް) ބުނީ މިރޭ އީގަލްސްގެ ކުޅުންތެރިން އަސްލު ފޯމުގައި ކުޅުމުން ހިތް ހަމަޖެހޭ ކަމަށާއި، ނަމަވެސް އީގަލްސް އާ ދެކޮޅަށް ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށެވެ.

"މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން، އެކަން ނުވުމުން ހިތް ހަމަހަމައެއް ނުޖެހޭ" ޝާޒް ބުންޏެވެ.

ޝާޒް ބުނީ "މެޗެއް އެއްވަރު ވުމަކީ މެޗެއް ގެއްލުން، ތިން ޕޮއިންޓް ލިބެން ޖެހޭ ތަނެއްގައި އެއް ޕޮއިންޓް ލިބުމަކީ، ލީގްގެ ފަހު ކޮޅަށް ދާއިރު ޕްރެޝަރަކަށް ވާނެ" ކަމަށެވެ.

ޝާޒްވެސް ބުނީ ރޯދަ މަހު ކުޅެން ޖެހުމުން ކުޅުންތެރިންގެ ކޮންސަންޓްރޭޝަނަށް އަސަރު ކުރާ ކަމަށެވެ.

މުޅި މެޗްގައިވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ނިންމާ ނުލެވުމުގެ މައްސަލަ ކަމަށް ޝާޒްވެސް ފާހަގަ ކުރިއެވެ.

ލީގްގައި މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޓީސީއާ ވެލެންސިއާއެވެ.