އެމެރިކާގެ ރިޔާސީ އިންތިހާބު 2016

ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހަކު ހައްޔަރުކޮށްފި

Jun 21, 2016
2

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަންޕް އަވަހާރަކޮށްލަން މަސައްކޮށްފައި މައިކަލް ސޭންޑްފޯޑް ނަމަކަށްކިޔާ މީހެކެވެ. އޭނާ ޓްރަމްޕަށް ހަމަލާދީ އަވަހާރަކޮށްލަން މަސައްކަތް ކުރީ ޓްރަމްޕް ވަޑައިގެންނެވި ކެމްޕޭން އެއްވުމެއްގައި ސެކިއުރިޓީ ބަލަހައްޓަން އުޅުނު ފުލުހެއްގެ ފިސްތޯލަ ޖަހައިގަނެގެނެވެ.

މި ހާދިސާގެ ހަބަރު އާންމުވީ އެމީހާ ހައްޔަރުކޮށް ނެވާޑާގެ ކޯޓަށް ރޭ ހާޒިރު ކުރުމާއެކު އެވެ. ނަމަވެސް ފިސްތޯލަ ޖަހައި ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ ހޮނިހިރު ދުވަހު ލަސް ވެގަސްގައި ޓްރަމްޕް ބޭއްވި ކެމްޕެއިން އެއްވުމުގެ ތެރެއިންނެވެ. އުމުރުން 19 އަހަރުގެ މައިކަލް، ފިސްތޯލައެއް ޖަހައިގަނެގެން ޓްރަމްޕަށް ހަމަލާ ދޭން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވާ ހައްޔަރުކޮށްފަ އެވެ.

މައިކަލް ބުނެފައި ވަނީ އޭނާ މަސައްކަތް ކުރީ ޓްރަމްޕްގެ މަޔަށް ދެ ވަޒަން ޖެހުމަށް ކަމަށާއި އެ ހަމަލާއާއެކު ފުލުހުން އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާނެ ކަމަށް ވެސް ނިންމައިގެން ހުރި ކަމަށެވެ. އަދި އެ ހަމަލަ ދެވޭ ގޮތް ނުވެ އެތަނުން ސަލާމަތް ވެއްޖެ ނަމަ ފީނިކްސްގައި ޓްރަމްޕް ބާއްވާ ކެމްޕޭން ޖަލްސާގައި އަލުން ހަމަލާދޭން ނިންމާފައިވާ ކަމަށް ވެސް މައިކަލް ވަނީ އިއުތިރާފުވެފައެވެ.

މި ހަމަލާ ދޭން މަސަކަތް ކުރި މައިކަލް އަކީ އިނގިރޭސިވިލާތުގެ ޑްރައިވިން ލައިސަންސެއް ވެސް ގެންގުޅޭ މީހެއް ކަމަށް ރިޕޯޓްތައް ބުނާއިރު ބައެއް ރިޕޯޓްތައް ބުނަނީ އެއީ އިނގިރޭސި ރައްޔިތެއް ކަމަށެވެ.