ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އެއް ބައެއްގެ ގޮތު ތެދުވަން ޓްރަމްޕް ގޮވާލައްވައިފި

Nov 9, 2016

އެމެރިކާގެ ހުރިހާ ރައްޔިތުން އެއް ބައެއްގެ ގޮތުގައި ތެދުވެ، އެކުގައި މަސައްކަތް ކުރުމަށް، މުޅި ދުނިޔެ ސިއްސުވާލުމަށްފަހު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި، ޑިމޮކްރެޓިކް ޕާޓީގެ މަގްބޫލު ކެންޑިޑޭޓް، ހިލަރީ ކްލިންޓަން ބަލި ކުރެއްވުމަށްފަހު، މީގެ ކުރިން ހިލަރީ އަށް ވަރަށް ފާޑު ވިދާޅުވި ޓްރަމްޕް ވަނީ ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި މުހާތަބު ކުރައްވަމުން ހިލަރީގެ "ވާދަވެރި" އަދި "ވަރުގަދަ" ކެމްޕޭނަށް އެ ކަމަނާ އަށް މުބާރަކްބާދީ އަދާކުރައްވާފަ އެވެ.

"އެންމެ ފުރަތަމަ ކަމަކަށް މި ގައުމުގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލާ، އެންމެން އެކަތިގަނޑަކަށް ވާން މަސައްކަތް ފަށަންވީ،" ނިޔު ޔޯކްގައި ހުރި އެ މަނިކުފާނުގެ ކޭމްޕޭނުގެ މައި މަރުކަޒު ގައި ޓްރަމްޕް ގޮވާލެއްވި އެވެ.

ޓްރަމްޕްގެ ކެމްޕޭނު ތެރޭގައި މުސްލިމުން ގައުމުން ބޭރުކޮށް، އަވަށްޓެރި މެކްސިކޯ އިން މީހުން އެތެރުވުން ހުއްޓުވުމަށް ފާރެއް ރާނާނެ ކަމުގެ އިންޒާރު ކުރިން ދެއްވާފައިވީ ނަމަވެސް، މިއަދު އެމަނިކުފާނު ވަނީ "ހުރިހާ ރައްޔިތުންގެ" ރައީސަކަށް ވެ ވަޑައިގަންނަވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

"އަޅުގަނޑަށް ސަޕޯޓް ނުކުރެއްވި ބޭފުޅުންނަށް ވެސް އަޅުގަނޑު މި ގޮވާލަނީ، އަޅުގަނޑަށް ތިބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާށޭ މި ގައުމުގެ ބައިބައިވުންތައް ނައްތާލުމަށް،" ޓްރަމްޕް އެދިވަޑައިގެންނެވި އެވެ.

ނަސްލީ ގޮތުން ތަފާތު ކުރުމުގެ ބިރުވެރި ވިސްނުމެއް ގެންގުޅޭ މީހެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަ ކުރައްވާފައިވާ ޓްރަމްޕް މިއަދު ވަނީ ކޮންމެ ރައްޔިތަކަށް ވެސް، ދީނަކަށް، ނަސްލަކަށް އަދި ގަބޫލު ކުރުންތަކަކަށް ބެލުމެއް ނެތި ހިދުމަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.

ޓްރަމްޕް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި މުޅި ދުނިޔެ އަށް ވަރުގަދަ އަދި އުއްމީދީ މެސެޖެއް ދެއްވާފަ އެވެ.

"އަޅުގަނޑު މެން ހުރިހާ ގައުމުތަކާއެކު ވެސް އަމަލު ކުރާނީ ހަމަހަމަ ކަމާއެކު،" ޓްރަމްޕް ވިދާޅުވި އެވެ.

ބޮޑެތި ގިނަ ސްޓޭޓްތަކުގައި ހިލަރީ ބަލިކޮށް ޓްރަމްޕް އިންތިހާބު ކާމިޔާބުކުރެއްވީ އިލެކްޓޯރަލް ވޯޓުގައި ހޯއްދަވަން ޖެހިވަޑައިގަންނަވާ 270 ވޯޓަށް ވުރެ މަތިން އެ އަދަދު ކާމިޔާބު ކުރައްވައި ޕޮޕިއުލާ ވޯޓުގައި ވެސް މި ވަގުތަށް ހިލަރީ އަށް ވުރެ ގިނަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. ޓްރަމްޕްގެ ވެރިކަމުގެ ދައުރު ފެށޭނީ އެއަށް ފަހު އެވެ.

ޓްރަމްޕާ އެކު ރިޕަބްލިކަން ޕާޓީ އިން ރިއާސީ އިންތިހާބު ކާމިޔާބުކޮށްފައިވާއިރު އެމީހުން ވަނީ ޑިމޮކްރޭޓުން ބަލިކޮށް، ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ ކަމުގައިވާ، ސެނެޓާއި ކޮންގްރެސް ވެސް ކާމިޔާބުކޮށްފަ އެވެ.