އެމެރިކާގެ ރިޔާސީ އިންތިހާބު 2016

ޓްރަމްޕްގެ ކެމްޕޭން މެނޭޖަރު މަގާމުން ވަކިކޮށްފި

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ކެމްޕޭންގައި ޑޮނަލްޑް ޓްރަމްޕާއެކު އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި ކެމްޕޭން މެނޭޖަރު ކޮރޭ ލެވަންޑޮސްކީ މަގާމުން ވަކިކޮށްފި އެވެ.

ލެވަންޑޮސްކީ އެ މަގާމުން ވަކިކޮށްފައި މިވަނީ، ޓްރަމްޕްގެ ސަޕޯޓަރުންނާއި އޭނާގެ ކެމްޕޭންއަށް ހަރަދު ކުރާ ބައެއް މީހުންގެ ފަރާތުން ލެވަންޑޮސްކީގެ ގާބިލު ކަމާ ބެހޭގޮތުން ސުވާލު އުފައްދަފައި ވެސް ވަނިކޮށެވެ.

އެފަރާތްތަކުން އެންމެ ބޮޑަށް ހުށަހަޅުއްވާފައިވާ ޝަކުވާއަކީ، ލެވަންޑޮސްކީއަކީ މީގެ ކުރިން ގައުމީ އެފަދަ ބޮޑު ވާދަވެރިކަމެއް ހިމެނޭ މަސައްކަތެއްގައި ބައިވެރިވެފައި ބޭފުޅަކަށް ނުވުމެވެ. އަދި ޓްރަމްޕގެ ވާދަވެރި، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންއާ އެންމެ ފުރިހަމައަށް ވާދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތައް ލެވަންޑޮސްކީ އާއެކު ނުކުރެއްވޭނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޓްރަމްޕްގެ އެންމެ ދޮށީ ދެ ދަރިކަލުން ކަމަށްވާ އެރިކްއާއި ޑޮނަލްޑް ޖޭއާރްއާ ހަވާލަދީ ނިއުޔޯކް ޓައިމްސްގައި ބުނެފައިވަނީ އިއްޔެ ހެނދުނު ލެވަންޑޮސްކީ މަގާމުން ވަކި ކުރެއްވީ، ޓްރަމްޕާއި އޭނާގެ ދެ ދަރިކަލުން ލެވަންޑޮސްކީއާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

ކެމްޕޭން މެނޭޖަރު މަގާމުން ދުރުކުރި އިރު ޓްރަމްޕަށް ހަމަލާދޭން އުޅުނު މީހަކު ވެސް މިދިއަ ހޮނިހިރު ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.