އަހުމަދު ނިހާން ހުސައިން މަނިކު

ޓޫރިޒަމް ގާނޫނަށް އިސްލާހުތައް ގެނައުމުގެ ބިލް ބަލައިގެންފި

ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް މަޖިލީހަށް ބަލައިގެންފި އެވެ. މި ބިލް ބަލައިގަތީ 35 މެންބަރުން ވޯޓް ދެއްވައިގެނެވެ. ވޯޓް ނުދެއްވަނީ 20 މެންބަރެކެވެ.

ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި މި ބިލް ބަލައިގަތުމުން ބިލްގެ މަސައްކަތް ދެން ދާނީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ.

ބިލްގައި ހިމެނޭ މުހިންމު އިސްލާހުތައް

  • ގެސްޓް ހައުސްތަކުން ހަ ޑޮލަރުގެ ގްރީން ޓެކްސް އެއް
  • ސަރުކާރުގެ ޖޮންއިންޓް ވެންޗާތަކުން ސަރުކާރުގެ ހިއްސާ ވިއްކުމުގެ އިހްތިޔާރު ސަރުކާރަށް ދިނުން
  • ކުއްޔަށް ދޫކުރާ ތަނަކީ ތިމާވެށީގެ ގޮތުން މަޝްރޫއު ހިންގެންޖެހޭނެ ތަނަކަށްވުން
  • ފަޅާއި ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ރައީސް އޮފީހުގެ ހުއްދައިން
  • އާންމުކޮށް އިއުލާނު ނުކޮށް ވެސް ކުއްޔަށް ދޫކުރެވޭ
  • އިކުއިޒިޝަން ފީ އެއްފަހަރާ ދައްކާ ނިންމުން

މިި ބިލްގެ ބަހުސްގައި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ތާއީދު ނުކޮށް ބިލާ ދެކޮޅަށް ވާހަކަތައް ދއްކާފައެވެ. އިދިކޮޅު ހުރިހާ މެންބަރުންހެން ވިދާޅުވީ މިއީ "ކަރަޕްޝަނަށް މަގު ފަހު ކުރަން" ގެންނަ ބަދަލުތަކެއް ކަމަށެވެ. އަދި ބީލަމާ ނުލައި ޓޫރިޒަމަށް ރަށް ކުށްޔަށް ދީނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އިދިކޮޅު މެންބަރުން ދެން އެންމެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ހަ ޑޮލަރުގެ ޓެކްހެއް ނަގަން ހުށަހަޅާފައި އޮތުމުންނެވެ.

މި ބިލަށް ވާހަކަފުޅު ދެއްކެވި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުުޅުން ވަނީ މި އިސްލާހުތައް ހިމެނޭ ބިލަށް ފުރިހަމައަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާފައެވެ. ގިނަ މެންބަރުން ވިދާޅުވީ މި ބިލުގެ ސަބަބުން ރަށްތައް ކުއްޔަށް ދިނުމުގެ ކަންކަން ވަކި ގާނޫނަކަށް ފެތި ބޮޑެތި ފައިދާތައް ދައުލަތާއި އާންމުންނަށް ކުރާނެ ކަމަށެވެ.