ހަބަރު

ނަބީލުގެ މައްސަލަ އަލުން ބެލުމަށް އަމުރެއް ނެރެދިނުމަށް އެދިއްޖެ

މަޖީދީމަގުގައި 2008 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ގ. ރީފް، މުހައްމަދު ނަބީލްގެ މައްސަލަ އަލުން ބަލައިދިނުމުގެ އަމުރެއް ނެރެދިނުމަށް އޭނާގެ ވަކީލުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ފަރުހަދުގެ ގަޔަށް ކަޓަރެއް އެއްލާ، އޭނާ މަރާލި ކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު ތަހުގީގީ މަރުހަލާގައި ބަންދުގެ މުއްދަތު މަޖިލީހެއްގައި ނަބީލް ވަނީ މާރާމާރީ ހިނގި ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ނަބީލް ބުނީ، އޭނާ ފަރުހާދު މަރާނުލާ ކަމަށާއި އެހެން ނަމަވެސް އެ މާރާމާރީގައި ބައިވެރިވި ކަމަށެވެ.

މި މާރާމާރީ ހިނގާފައިވަނީ ނަބީލްގެ އަންހެން ކޮއްކޮ ނިއުމާއާ ފަރުހާދު، ބެހުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ނިއުމާ ވެސް މި މައްސަލާގައި ހެކިބަސް ދީފައިވާއިރު، ނިއުމާ ޝަރީއަތުގެ މަޖީލީހުގައި ބުނެފައި ވަނީ، ނަބީލް ކަޓަރެއް ގެންގުޅު މަންޒަރު ނުފެންނަ ކަމަށެވެ. ނަމަވެސް އޭނާ ދިން ތަހުގީގު ބަޔާނުގައި ނިއުމާ ބުނެފައިވަނީ، ފަރުހާދާ ދިމާލަށް ނަބީލު ކަޓަރު އެލަން އުޅުމުން އޭނާ އެވަގުތު ނަބީލުގެ ގައިގައި ހިފެހެއްޓި ކަމަށެވެ. ޝަރީއަތުން ބަލާފައިވަނީ ނިއުމާގެ ބަޔާނަށެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލާގެ އަޑުއެހުމުގައި ނަބީލްގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި ޝައްކު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށާއި މަރުގެ މައްސަލައަކަށްވާތީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތް ހިންގެންޖެހޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގައި، އަމުރެއް ނެރެދިނުމަށް ވަކީލް ވަނީ ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުންގެ އަރިހުގައި އެދިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ޖަވާބުދާރީވެފައިވަނީ ދައުލަތުންނެވެ. ދައުލަތުން ވަނީ ނަބީލްގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅަންޖެހޭ މައިގަނޑު 12 ނުކުތާއެއް ފާހަގަކޮށްފަ އެވެ.

އެގޮތުން، ތަހުގީގީ މަރުހަލާގައި ނަބީލަށް ހުރިހާ ހައްގުތަކެއް ކަށަވަރުކޮށްދެވިފައިވާ ކަމާއި ތަހުގީގުގައި ވަކީލަކު ނުލައި ކުރިއަށް ގެންދިޔުމަށް ނަބީލް އިއުތިރާފުވެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ފަޒުނާ ވިދާޅުވި އެވެ. ފަޒުނާ އިތުރަށް ވިދާޅުވީ، ފަރުހާދަށް ލިބިފައިވަނީ އެންމެ ޒަހަމެއް ކަމަށާއި އެއީ، ނަބީލް އެއްލި ކަޓަރުން ލިބުނު ޒަހަމެއް ކަމަށެވެ. ނަބީލް އެ ކަޓަރު އެއްލިކަން އޭނާ އަމިއްލަައަށް ބުނެފައިވާ ކަމަށާއި ކޮއްކޮ ނިއުމާ ވެސް އެގޮތަށް ބުނެފައިވާ ކަމަށެވެ. އަދި އެހެން މީހެއްގެ ގައިން ފަރުހާދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެ ނަބީލްގެ ފަރާތުން ނަގާފައިވާ ދިފާއުއަށް ދައުލަތުން ބުނީ، އެއީ ނަބީލް ކަޓަރު ނޭއްލާކަން ސާބިތުވާ ކަމެއް ނޫން ކަމަށެވެ.

ފަރުހާދަށް ފަރުވާދިން ޑޮކްޓަރު ވެސް ޝަރީއަތަށް ހާޒިރުކުރެވިފައިވާނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެއީ ޑރ. އަބްދުﷲ އުބައިދެވެ. އެއީ ފަރުހާދު ބެލި ޑޮކްޓަރުކަން ފަރުހާދުގެ ޑެތް ސަމަރީއިން އެނގޭ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަބީލްގެ ވަކީލް ޝާހް ވިދާޅުވީ، ނަބީލްގެ މައްސަލާގައި އުސޫލުން ބޭރުން ތަހުގީގުތައް ހިންގާފައިވާ ކަމަށެވެ. ވަކީލް ވިދާޅުވީ، މެޑިކަލް ރިޕޯޓުން ފަރުހާދަށް ލިބުނު ޒަހަމްތަކަކީ ކަޓަރު ތިލައަކުން ލިބުނު ޒަހަމްތަކެއް ނޫންކަން އެނގޭ ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން ލިބުނު ޒަހަމްގައި ފަރުހާދުގެ ފުއްޕާމޭ ވަނީ ފަޅައިގެން ގޮސްފަ އެވެ. ވަކީލް ވަނީ 10 ފޫޓް ދުރުގައި ހުރެ އެއްލާ ކަޓަރު ތިލައަކުން މީހެއްގެ ހެދުން ފޫއަޅައި، ހަންގަނޑާއި މަސްގަނޑު ފޫއަޅުވާލައި ފުއްޕާމޭ ފެޅޭ ވަރުގެ ޒަހަމެއް ލިބިދާނެތޯ ސުވާލު އުފައްދާފަ އެވެ.

މީގެއިތުރުން އެ ރިޕޯޓްގައި ސޮއިކޮށްފައިވަނީ ގުލާމް ކިޔާ މީހެއް ކަމަށާއި ޑރ. އުބައިދު ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެހެންކަމުން ފަރުހާދުގެ ސާޖަރީ ހެދި ޑޮކްޓަރަކީ އުބައިދު ތޯ ވެސް ވަކީލް ވަނީ ސުވާލު އުފައްދާފަ އެވެ. ވަކީލް ވިދާޅުވީ ޑރ. އުބައިދަކީ ފަރުހާދަށް ލިބުނު އަނިޔާތައް ތަފްސީލުކޮށްދެވޭނެ މީހެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ވަކީލް ވިދާޅުވީ، ފަރުހާދުގެ ގައިގާ ގިނަ ޒަހަމްތަކެއް ހުރި ކަމަށް އޭރު މީޑިއާ ރިޕޯޓްތައް ވެސް ބުނެފައިވާ ކަމަށާއި އޭނާއަށް ތޫނު އެއްޗަކުން ލިބުނީ އެންމެ ޒަހަމެއް ނޫން ކަމަށެވެ. ފަރުހާދުގެ ޑީއެންއޭ އެހެން މީހެއްގެ ގައިން ފެނިފައިވެ އެވެ. ވަކީލް ވިދާޅުވީ، އެކަން ބެލެން ޖެހޭނެ ކަމަށެވެ. އެއީ ނަބީލްގެ އިންކާރަށް ލިބޭ ބާރުގަދަ ދަލީލެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ދެ ފަރާތުން ވެސް ފާހަގަކުރަން ހުރި ނުކުތާތައް ފާހަގަކޮށް ނިމުމުން މި މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށް މިއަދު ޝަރީއަތުން ވަނީ އިއުލާން ކުރައްވާފަ އެވެ. ދެން އޮންނާނީ މައްސަލާގައި ގޮތެއް ނިންމުމެވެ. މި މަރުހަލާގައި ނަބީލަށް ކާމިޔާބުނުވެއްޖެނަމަ މަރުގެ ހުކުމް ތަންފީޒުކުރާނެ އެވެ. މަރުގެ ހުކުމް ސުޕްރީމް ކޯޓުން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.