ހަބަރު

ނާޒިމް ހައްޔަރު ކުރަން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުން އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލްކޮށްފި އެވެ.

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ އިތުރުކޮށްދީފަ އެވެ.

އެހެންވެ ނާޒިމްގެ ވަކީލުން ވަނީ ނާޒިމް ހައްޔަރުކުރަން ނެރުނު އަމުރާއި ނާޒިމް ބަންދުގައި ބަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 1:45 ގައި ބާއްވަނީ އޭނާ ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމެވެ.

ނާޒިމް ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުން މިހާތަނަށް ތާވަލް ނުކުރާ ކަމަށް "އަވަސް" އަށް ވަނީ އެނގިފަ އެވެ.

ހައި ކޯޓުން ވަރަށް ފަހުން ހެދި ގަވާއިދެއްގެ ދަށުން ބަންދު އަމުރުތަކާއި ކޯޓު އަމުރުތަކުގެ އިސްތިއުނާފް އަޑުއެހުންތައް އެ ކޯޓުން ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލައި، ސިއްރުކޮށްގެނެވެ.

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ނާޒިމް ހައްޔަރު ކުރިއިރު އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.