ކަނޑުމަތީގެ ހާދިސާ

މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ޅ. ކަނުހުރާ ރިސޯޓަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފް އިން ބުނީ "އައިލެންޑް އެކްސްޕްރެސް ހަމަތި" ނަމަކަށް ކިޔާ އެ ދޯނި ފަރަށް އެރީ މިއަދު ހެނދުނު އެވެ. އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި ދޯނީގެ ވެރި ފަރާތާއި ގުޅިގެން ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާދިސާގައި ދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާވާއިރު އޭގައި ދިވެއްސަކާއި ތިން ބިދޭސީން ތިއްބެވެ. އޭގައި ހުރި މުދަލުގެ ތަފުސީލް ސާފުވާ ގޮތެއް ނުވެއެވެ.