ޓޫރިޒަމް ދާއިރާއިގެ ގެސްޓް ހައުސްތަކުން ނަގަން ނިންމާފައިވާ ގްރީން ޓެކްސް ނަގަން ފެށުމުގެ ކުރިން ވިޔަފާރިވެރިންނަށް ވިންޑޯ ޕީރިއަޑެއް ދިނުން މުހިންމު ކަމަށާއި އެކަމަށް ގޮތެއް ނިންމާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޓޫރިޒަމް ގާނޫނަށް އިސްލާހުތައް ގެނައުމަށް ހުށަހެޅި ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި މިއަދު މެމްބަރުންނާ ބައްދަލުކުރެއްވި އިރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ޒަމީރު އެހެން ވިދާޅުވި އިރު މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާއިރު އެކަމަށް ވިންޑޯ ޕީރިއަޑެއް ދީފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ހުށަހެޅީ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ކުޑަކޮށް ބެލެންސް ބަޖެޓަކަށް ހަދަން ސަޕްލިމެންޓަރީ ބަޖެޓެއް ތައްޔާރުކުރަން ކަމަށާއި އެބަޖެޓުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގ ތެރޭގައި ބަހުސްތައް އެބަހިނގާ މިއަހަރު ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ގެނައުމަށް. އަސްލުގައި ސަރުކާރުގެ ވިސްނުން ހުރީ މިހާރު އޮތް ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ބެލެންސް ބަޖެޓަކާ ހިސާބަށް ގެންދެވޭތޯ. އޭގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަންޓްރީ ބަޖެޓަށް ތައްޔާރުވުމުގެ ގޮތުން ރެވެނިއު ސައިޑުގައި ކުރެވުނު ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ގްރީން ޓެކްސް، މި ޓެކްސް ނަގަން ވިންޑޯއެއް ލިބުން މުހިންމުހެން ހީވަނީ، ކޮމެޓީން އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން އެއަށް ތާރީހަކާއި މުއްދަތެއް ލެވިދާނެ ކަމަށް ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ، މިހާރު މާލިއްޔަތު ގާނޫނު އޮންނަ ގޮތުން ރެވެނިއު އެކްސްޕެންސް އާ ދިމާ ނުކުރެވުނަސް އެއަށް ޓާގެޓް ކަނޑައަޅައިގެން ގެންދެވިދާނެ ކަމަށެވެ.